ޚަބަރު

އާ އިސްލާހާއެކު މޫސައާއި މަސީހުގެ މައްސަލަ މަޖިލީހުން ބޭރުވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ ޢާންމު ކޮމެޓީން ގެންނަވާފައިވާ އިޞްލާހް މަޖިލީހުގެ ތަޅުމުން ފާސްކުރައްވައިފިއެވެ. މި އިޞްލާޙު މަޖިލީހުން ފާސްކުރެއްވީ ޖަލްސާއަށް ވަޑައިގެން ތިއްބެވި މެމްބަރުން އިއްތިފާގުންނެވެ. މި ވޯޓްގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައެއްނުވެއެވެ.

މި އިސްލާހު ފާސްވުމާއިއެކު ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިތުބާރު ނެތްކަމަށް މިހާރު މަޖިލީހަށް ހުށައަޅުއްވާފައިވާ ހުށައެޅުން ބާތިލްވެގެންދާނެއެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދަށް ގެންނެވި އިޞްލާޙުގައި ބަޔާންކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށްހުށަހެޅުއްވޭނީ ސާޅިސް ދެ މެމްބަރުންގެ ސޮޔާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 175ވަނަ މާއްދާ ޢާއްމު ކޮމެޓީން އިޞްލާހް ކުރައްވާފައިވާއިރު މީގެކުރިން އެ ޤަވާއިދުގައި ބަޔާންކުރައްވާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން 15 މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ.