ޚަބަރު

ދިވެހި ސަރުކާރު އޮތީ ރައުދާގެ އާއިލާއާއެކު- ތަރުޖަމާނު


މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި މަރުވެފައި އޮއްވައި ފެނުނު ދިވެހިދަރިވަރު ރަޢުދާ ޢާޠިފްގެ މަރުގެ ޙަޤީގަތް ހޯދުމަށް ކުރަމުންދާ މަސައްކަތް ދިވެހި ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށާ، ދިވެހި ސަރުކާރު އޮތީ ރައުދާގެ ޢާއިލާއާއެކުކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ ރަޢުދާގެ މަރުގެ ޙަޤީގަތް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރަޢުދާގެ މަރަށް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް ޖަވާބު ނުލިބޭ އެތައް ކަމެއްވާކަން ފާހަގަކުރައްވައި އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ ރަޢުދާގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭކަމަށެވެ.

ރަޢުދާގެ މަރުގެ ޙާދިސާއާގުޅޭ މަޢުލޫމާތު ހޯދައި، އޭނާގެ ޢާއިލާއަށް އެހީތެރިވުމުގެގޮތުން ދިވެހި ފުލުހުންގެ ޓީމެއްވެސް އަންނަނީ ބަންގްލަދޭޝްގައި މިހާރު ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ ޓީމުން ކުރަމުންދާ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފުލުހުން ހާމަކުރައްވައެވެ. އޭގެތެރޭގައި ރަޢުދާގެ ފޯނު އަންލޮކްކޮށް މިމައްސަލައިގެ ހަޤީގަތަށް ވާޞިލްވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށް ދިވެހިފުލުހުން ވަނީ ވިދާޅުވެފައެވެ.