ޚަބަރު

ރައުދާގެ މަރަށް ހަފްތާއެއް: ޖަވާބު ނުލިބޭ އެތައް ކަމެއް!؟


ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ހަދަމުން ދިޔަ ދިވެހި ދަރިވަރު، ރައުދާ ޢާޠިފަކީ ދިރިއުޅުމުގައި އުއްމީދުތަކެއް ކުރި ޒުވާނެކެވެ. އެކަކަށް ދިމާވާ ދަތި ކަންތައްތަކަށް ޙައްލު ހޯދައިދީ، ގާތް މީހުންނާއި އެކުވެރިންނަށް އަޅާލާ މި ޒުވާނާ މިއަދު ވަނީ އޭނާގެ ޢާއިލާއާ ގާތް އެކުވެރިންނާ ކުރަމުން އައި ފޮނި އުއްމީދުތައް ދޫކޮށް އަބަދުގެ އަބަދަށް މި ދުނިޔެއާ ވަކިވެފައެވެ. އެތައް ސުވާލުތަކެއް ދޫކޮށްފައެވެ.

މިދިޔަ ހަފްތާގެ ބުދަދުވަހު އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ރައުދާ އިންނަ ކޮޓަރީގައި އޭނާގެ ރަޙްމަތްތެރިޔާ ޓަކިޖެހީ ރައުދާގެ ޚަބަރެއް ނުވެގެންނެވެ. ޓަކިޖަހައިގެންވެސް ރައުދާގެ ޚަބަރެއް ނުވުމުން އޭނާގެ އެކުވެރިން ނިންމީ ރައުދާގެ ކޮޓަރީގެ ކުޑަ ދޮރުން އޭނާގެ ކޮޓަރި ބެލުމަށެވެ. ކޮޓަރީގެ ކުޑަ ދޮރުން ފެނުނީ ރައުދާގެ ރަޙްމަތްތެރިން މީގެކުރިން ދުވަހަކުވެސް ލަފާވެސް ކޮށްލި ކަމެއް ނޫނެވެ. އެއީ ރައުދާ މަރުވެފައި އޮއްވައެވެ.

ރައުދާގެ މަރާ ގުޅިގެން ދައްކަމުން އަންނަ ބައެއް ވާހަކަތައް:

"ވޯގް އިންޑިއާ" ގެ ނަމުގައި އިންޑިއާގައި ނެރޭ ލައިފްސްޓައިލް މަޖައްލާގައި ފީޗަރކުރި ފުރަތަމަ ދިވެހި މޮޑެލްގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަޝްހޫރުވި ރައުދާގެ މަރަށް މިއަދު ހަފްތާއެއްވީއެވެ. ޝޯޝަލް މީޑިއާއާއި ތަފާތު އެކި ތަންތާނގައި މީހުން އަންނަނީ ރައުދާގެ މަރާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. ބައެއް މީހުން އަންނަނީ އަމިއްލައަށްވެސް ރައުދާގެ މަރުގެ ޙަޤީޤަތް ހޯދުމަށް ދިރާސާތައް ކުރަމުންނެވެ. މިހާތަނަށް ލިބިފައި ހުރި މަޢުލޫމާތުތަކާއި ހެކިތަކަށް ބިނާކޮށް ބައެއް މީހުން ތަޙްޤީގުކޮށްފައިވާއިރު އަނެއް ބަޔަކު އަދިވެސް އަންނަނީ މަޢުލޫމާތު ހޯދަމުންނެވެ. އެއްވެސް މީހަކު މިހާތަނަށް ރައުދާ މަރުވެފައިވަނީ އޭނާ އަމިއްލައަށް ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ރައުދާގެ މައްސަލަ ތަޙްޤީޤް ކުރަމުން އަންނަ ބަންގްލަދޭޝްގެ ފުލުހުން ބުނެފައި ވަނީ ރައުދާ މަރުވެފައި ވަނީ އޭނާ އަމިއްލައަށް ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު މިކަން ދޮގުކުރެއެވެ. ޚާއްޞަކޮށް ރައުދާގެ ޢާއިލާއިންނެވެ. ބަންގްލަދޭޝްގައި މިވަގުތު ހުރި ރައުދާގެ ބައްޕަ ޑރ. މުޙައްމަދު ޢާތިފާ ޙަވާލާދީ ޑެއިލީ ސްޓާރ ނޫހުގައި ބުނެފައިވަނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

"އެއީ އޭނަ {ރައުދާ} އަމިއްލައަށް މަރުވެފައިެއް ނޫން.. އަހަރެން އަހަރެންގެ ދަރިފުޅު ރައުދާގެ ހަށިގަނޑު ބަލައިފިން.. އެއީ އަމިއްލައަށް މަރުވެފައި ކަމަކަށް ނުބެލެވޭ." ރައުދާގެ ބައްޕަ މުޙައްމަދު ޢާތިފް ޑެއިލީ ސްޓަރއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރައުދާގެ މަރުގެ ޚަބަރު ކުއްލި ޝޮކަކާއެކު ލިބުނު އޭނާގެ މަންމަ އާމިނަތު މުޙައްރިމަތު ޑެއިލީ ސްޓަރއަށް ދިން އިންޓަވިއުއެއްގައި ބުނީ އަންގާރަ ދުވަހުގެ ރޭވެސް އޭނާ ރައުދާއަށް ގުޅި ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅު ކަމަށް ރައުދާ އޭނާގެ މަންމަ މުހައްރިމަތުގެ ގާތުގައި ބުނިކަމަށް އެ އިންޓަވިއުގައި ބުނެފައިވެއެވެ.

"ރައުދާ އަމިއްލައަށް އޭނާގެ ފުރާނަ ދުއްވާލާނެ ކަމަކަށް ނުބެލެވޭ.. އެއީ އޭނައާ އެއްވެސް މީހަކާ އެއްވެސް މައްސަލައެއްވެސް ނޫޅޭ،" ރައުދާގެ މަންމަ މުޙައްރިމަތު ޑެއިލީ ސްޓަރއަށް ދިން އިންޓަވިއުގައިވެއެވެ.

މި ވާހަކަތަކަށް ބިނާކޮށް ރައުދާގެ މަރަކީ ބަޔަކު މީހުން ގަސްތުގައި އޭނާއަށް ދިން އަނިޔާއެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ޚާއްޞަކޮށް ޝޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން މިގޮތަށް އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ.

ރައުދާ މަރުވެފައި އޮންނަ ފޮޓޯއިން ބައެއް ވާހަކަތަކަށް ކިޔައިދޭ!

ރައުދާ މަރުވެފައި އޮއްވައި އޮތް ފޮޓޯއެއް ޝޯޝަލް މީޑިއާގައި ޢާންމުވެގެން ދިޔައެވެ. އަދި އެވަގުތުން ފެށިގެން އެ ފޮޓޯއިން ފެންނަން ހުރި ބައެއް ކަންތައްތައް ބައެއް މީހުން ޙިއްޞާކުރަމުންދިޔައެވެ. ރައުދާ މަރުވެފައި އޮއްވައި ފެނުނު ފޮޓޯއަށް ބަލާއިރު އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް މުއްކަވާފަކަން ފާހަގަކުރެވުނެވެ. އަދި ފޮޓޯ އެހެން ބައެއް ކަންތައްތައްވެސް ކިޔައިދެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ދިރާސާކުރައްވައި އަދި ތަޙްޤީޤްކުރައްވާފައި ތިއްބެވި ޢިލްމީ ބައެއް ބޭފުޅުންނާ ވާހަކަދައްކާލީމެވެ.

"މިހާރު އަހަރެންނަށް އެންމެ ބޮޑު މައްސަލައަކަށް ވަނީ އޭނާ މަރުވެފައި އޮއްވައި ފެނުނު ނޮޓް ނުވަތަ އެ ވާގަނޑު ކަނޑާލި މީހާ ކޮބައިތޯ.. އެމީހަކު އެ ވާގަނޑު ނޫނިއްޔާ އެ ނޮޓް ކަނޑާލިއިރު ކަރުގެ އަރިމައްޗަކަށް ވާގަނޑުގެ ގޮށް ހުރިކަމަށްވާނަމަ އަހަރެންގެ އަމިއްލަ ތަޖުރިބާގައި އެއީ އަމިއްލައަށް މަރުވެފައި.. އެކަމަކު ބަޔަކު މީހުން ރާވައިގެން ކުރި ކަމަކަށްވަންޏާ މިބުނާ ވާގަނޑުގެ ގޮށް ހުންނާނީ ކަނދުރާއަށް." ތަޙްޤީގީ ދާއިރާގައި 15 އަހަރުވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ނަން ހާމަނުކުރަން ޝަރުޠުކުރައްވައި ވިދާޅުވިއެވެ.

ރައުދާގެ ފޮޓޯއިން ފެންނަ އަނެއް ކަމަކީ ކޮޓަރިތެރޭގެ ތަރުތީބު ކަމެވެ. މިކަމާ ގުޅިގެން ތަޙްޤީގީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރައްވާ ބޭފުޅަކު ޕީއެސްއެމްއަށް ވިދާޅުވީ ބަޔަކު ރާވައިގެން މީހަކު މަރާލިނަމަ އެތަން ތަރުތީބުކޮށް ބަހައްޓައެވެ. ނަމަވެސް މަރުވެފައި އޮތް މީހަކީ ސިކުނޑީގެ މައްސަލައެއް ހުރި މީހެއް ނުވަތަ ކުއްޖެއްނަމަ މަރުވެފައި އޮންނަ ތަން ނުވަތަ ކޮޓަރި އެގޮތަށް ނެތުން އެކަށީގެންވެއެވެ.

"މިހާރު ތި ފޮޓޯގައި ތި ފެންނަނީ ވަރަށް ރީތިކޮށް ކޮޓަރިތެރެ ބަހައްޓާފަ.. އެއްވެސް އެއްޗަކަށް ގެއްލުމެއްވެސް ހިއެއްނުވޭ ދީފައި ހުރި ހެނެއް.. މަރުވެފައި އޮތް ކުއްޖާއަކީ ޑިޕްރެޝަން ނޫނީ ވަރަށް ސްޓްރެސްގައި އުޅުނު ކުއްޖެއް ކަމަށްވާނަމަ ހުންނާނެ ބައެއް ފަހަރު އެ ކުއްޖަކު އަމިއްލައަށް މަރުވުމުގެ ކުރިން ވަރަށް ބޮޑަށް އޭނާ އެ މަރުވާ ތަނެއްގައި ކޮންމެވެސް ކަހަލަ ހެކިތަކެއް.. މިސާލަކަށް ކޮޓަރިއެއްގައި ދެއްތޯ ކުއްޖާ އެ އޮތީ.. އެހެންވިއްޔާ އެ ކޮޓަރިތެރޭގައި އެއްޗެހިތައް އުކާލައި މިފަދަ ކަންކަން ކޮށްފައި ހުންނާނެ." އޭނާ ވިދާޅުވިއެވެ.

ޑިޕްރެޝަން ނުވަތަ ކަންކަމާމެދު މާ ބޮޑަށް ވިސްނާ ކުދިންނާ ގުޅޭގޮތުން، ކަމާގުޅޭ މެޑިކަލް ޑޮކްޓަރަކު ވިދާޅުވެފައި ވަނީ އެފަދަ މަރުތަކުގައި ގިނައިން މަރުވެފައި ވަނިކޮށް ފެންނަނީ އެ މީހަކު އުޅޭ ގޭގެ ކޮޓަރިން ކަމަށެވެ. އަދި ކޮޓަރިތެރެ ތަރުތީބުކޮށްވެސް ހުރުން އެކަށީގެންވަނީ އެއީ ތަރުތީބުކޮށް އެއްޗެހި ގެންގުޅޭ ކުއްޖެއް ކަމަށް ވަނީނަމަ ކަމަށް މާހިރަކު ވިދާޅުވެއެވެ.

"އެކަމަކުވެސް ގިނަ ފަހަރަށް އޮންނަނީ ނުވެފައި.. ޑިޕްރެޝަނަށް ދާމީހަކު ވަރަށް ބޮޑަށް ޗޭންޖްވާނެ.. އާންމުކޮށް އުޅޭ އުޅުން.. މިސާލަކަށް ކަންކަން އެހާ ތަރުތީބުކޮށް ހުންނަންޏާ އެމީހަކު އެހާ ގަޔާއެއް ނުވާނެ." ޑރ. ވިދާޅުވެއެވެ.

އެބޭފުޅުންގެ ތިޔަރީތަކުން އެނގޭ ގޮތުގައި ޑިޕްރެޝަން ނޫނީ ކަންކަމާ ވިސްނާ މީހުން ފުރަތަމަ ސްޓޭޖްގައި ވަރަށް މީހުންނާ ގާތްކޮށް އުޅެން ބޭނުންވާނެއެވެ. ނަމަވެސް މީހުންގެ ސަމާލުކަން ނުލިބިއްޖެނަމަ އެކަހެރިވެ އެކަނި އުޅެންވެސް ބޭނުންވާނެއެވެ. އަދި ޚާއްޞަކޮށް މިޒަމާނަށް ބަލާނަމަ ޑިޕްރެޝަން ނޫންނަމަ ކަމަކާ ވިސްނައި މީހުން އެހާ އެކްޓިވް ފޮޓޯތައް ޝޯޝަލް މީޑިއާ ފަދަ ތަންތަނުގައި އެހެން މީހުންނާ ޙިއްޞާއެއްވެސް ނުކުރާނެއެވެ.

މި ހުރިހާ ކަމަކަށް ބަލާލުމުން ރައުދާ އަމިއްލައަށް މަރުވިއްޔޭ އަދި ބުނެވެން ނެތްކަމަށް މި ރިޕޯޓް ހެދުމަށް މަޢުލޫމާތުދެއްވި ޑޮކްޓަރާއި ތަޙްޤީޤްކުރުގެ ތަޖުރިބާކާރު ވިދާޅުވެއެވެ.

ރައުދާގެ އިންސްޓަގްރާމާއި، ހޮސްޓެލްގެ ސީސީޓީވީ ފުޓޭޖުތައް ގެއްލުން!

އެންމެ ޙައިރާން ކުރުވަނިވި ކަމަކަށް ދިމާވީ ރައުދާގެ އިންސްޓަރގްރާމްގެ އެކައުންޓު ކުއްލިއަކަށް ގެއްލުމެވެ. މިހާތަނަށްވެސް ރައުދާގެ ފޯނު ފުލުހުންނަށް އަދި އަންލޮކް ކުރެވިފައި ނުވާކަމަށް ބުނާއިރު، އެކަން ދެން ކުރީ ކޮންބައެއްބާއެވެ؟ ދުނިޔެ ދޫކުރާ މީހުންގެ އިންސްޓަގްރާމް އެކައުންޓްތައް އިންސްޓަގްރާމުން ރިމޫވްކުރާނީ، އެ މީހެއްގެ ޢާއިލާގެ މެމްބަރެއް ކަމަށް ކަށަވަރުވާ މީހަކު، މަރުވި މީހާގެ މަރުގެ ސެޓްފިކޭޓް ފަދަ ރަސްމީ ލިޔުމެއް އިންސްޓަގްރާމަށް ހުށަހެޅުމުންނެވެ. ނަމަވެސް ރައުދާގެ ޢާއިލާއިން އަދި އެފަދަ ކަމެއް ކޮށްފައިވާކަން ހާމަވެފައެއް ނުވެއެވެ. އެހެންކަމުން ރައުދާގެ އިންސްޓަގްރާމް އެކައުންޓް ބަޔަކު މީހުން ބޭނުންކުރީ ކަމަށްވެސް ބެލެވިދާނެއެވެ.

ހައިރާންވަންޖެހޭ އަނެއް ކަމަކީ ރައުދާ އުޅެމުން އައި ކޮލެޖުގެ އަންހެން ކުދިން ތިބޭ ހޮސްޓަލްގެ ސީސީޓީވީ ފުޓޭޖު ގެއްލުމެވެ. އިންޑައިޖެއްޝަނަކަށް ފަރުވާ ހޯދުމަށް 28 ވަނަ ދުވަހުގެ ރޭ ރައުދާ ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް އޭނާ އެނބުރި ހޮސްޓަލަށް ވަންނަ ސީސީޓީވީ ފުޓޭޖް ހޯދުމަށް ރައުދާގެ ޢާއިލާއިން އެދުމުން، އެ ފުޓޭޖުތައް ނެތްކަން އޭނާގެ ޢާއިލާއަށް އެނގިގެންދިޔަކަން ޢާއިލާއިން މީޑިއާގައި ބުނެފައިވެއެވެ. ޢާއިލާއިން ބުނި ގޮތުގައި މާޗު 25 ން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ސީސީޓީވީ ފުޓޭޖެއް ނެތެވެ. އެ ފުޓޭޖުތައް ކޮބާހެއްޔެވެ؟ އެ ފުޓޭޖުތައް ފުހެވިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟

ރައުދާގެ މަރުގެ އަޑީގައި އެއްވެސް މީހަކުވޭތަ؟

ރައުދާގެ މަރަށް ހަފްތާއެއްވީއެވެ. އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އޮޓޮޕްސީވެސް ހެއްދިއްޖެއެވެ. އޭގެ ރިޕޯޓްގައި ލިޔެފައި ހުރި ވާހަކަތައް ބުނަނީ އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ. ރައުދާގެ ޢާއިލާއިން އެކަން ޤަބޫލެއް ނުކުރެއެވެ. ބަންގްލަދޭޝް ފުލުހުންނާއި ދިވެހި ފުލުހުންގެ ޓީމަކުން އަންނަނީ އެ މައްސަލަ ތަޙްޤީޤްކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އެންމެންވެސް ޤަބޫލުކުރަންޖެހޭ އެއް ކަމަކީ މިއީ އާދައިގެ މަރެއް ނޫން ކަމެވެ.