ދުނިޔެ

އުތުރުކޮރެޔާއިން ބާރުގަދަ ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި


އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ބާރުގަދަ ރޮކެޓް އިންޖީނެއް ޓެސްޓުކޮށްފިއެވެ.

އުތުރު ކޮރެޔާއިން ޓެސްޓްކުރި ރޮކެޓް އިންޖީނަކީ އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ސެޓްލައިޓްތައް ޖައްވަށް އުދައްސާލުމަށް ޤާބިލްކަން ލިބިފައިވާ އިންޖީނެއްކަމަށް އުތުރުކޮރެޔާގެ ދައުލަތުގެ މީޑިއާއިން ހާމަކުރެއެވެ. އަނެއްކޮޅުން މިއީ އެންމެފަހުގެ ދުރުރާސްތާ މިސައިލްތައް ފޮނުވާލުމުގެ ޤާބިލުކަން ލިބިފައިވާ އިންޖީނެއްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. 

އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން ސިފަކުރައްވާ ގޮތުގައި މިއީ އެޤައުމުގެ ރޮކެޓް އިންޑަސްޓްރީ މުޅިން އައު ހަރުފަތަކަށް ދިއުމެވެ. 

img:http://s4.psmnews.mv/images/660x400/14899269665076.jpg|އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން، ރޮކެޓް އިންޖީނު ޓެސްޓުކުރި ސަރަޙައްދުގައި / ފޮޓޯ: ކޭސީއެންއޭ

އުތުރު ކޮރެޔާއިން ރޮކެޓް އިންޖީނެއް ޓެސްޓުކޮށްފައި މިވަނީ، އޭޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކް ޓިލަރސަން އުތުރުކޮރެޔާގެ އަމަލުތައް ހުރި ގޮތުން އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރުދެއްވާފައިވަނިކޮށެވެ.  

ތަޖުރިބާކާރުން ބުނާގޮތުން އުތުރުކޮރެޔާއިން ދަނީ އެމެރިކާއަށް ފޯރާނެވަރުގެ ދުރު ރާސްތާ މިސައިލެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. އުތުރުކޮރެޔާއިންވެސް ވަނީ، އެޤައުމުން އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް ތަރައްޤީކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.