ކުޅިވަރު

ޖޫނިއަރ ރެފްރީންނަށް ފުރުޞަތު ދިނުން، މުޙިއްއު ނިންމުމެއް!


ގިނަ ކުޅިވަރު ތަކުގައި އަރަމުން އަންނަ ރެފްރީންނަށް ނުވަތަ ފަށައިގަންނަ ރެފްރީންނަށް ކުރިއަށް ދިއުމަށް ލިބޭ ފުރުޞަތުތައް މަދެވެ. ޚާއްޞަކޮށް ކުރިއަށްދާން ބަލާއިރު އިންސާފްކުރުމުގެ ރަނގަޅު ފުރުޞަތުތައް ލިބޭ މެޗުތައް މަދުވުން މާޔޫސްވާ ސަބަބަކަށް ވެއެވެ.

ވޮލީބޯޅައަށް ބަލާއިރުވެސް ހަމައެކަނި ރޮނގު ބަލަން، ނުވަތަ ސްކޯ ބޯޑް ބަލަހައްޓަން ޖެހުމުންވެސް ހިތްވަރު އެލި މާޔޫސްވާގޮތް ވެއެވެ. ނުވަތަ ހަމައެކަނި އިންޓަރ ސްކޫލާއި ތިންވަނަ ޑިވިޝަނުން ފުރުޞަތު ލިބި ލިބި ހުރުންވެސް ވަނީ މާޔޫސްކޮށްލާކަމަކަށެވެ. 

ފުރަތަމަ ޑިވިޝަންގެ މުބާރާތްތަކާއި، ބޮޑަތި މެޗުތަކުން ޖޫނިއަރ ރެފްރީންނަށް ފުރުޞަތު ދިނުން ވަނީ އެސޯސިއޭޝަނުންވެސް ޖެހިލުންވާ ކަމަކަށެވެ. ނަމަވެސް ހިތްހަމަޖެހުމަކީ އެކަމަށް މިހާރުގެ ވޮލީބޯޅަ އެސޯސިއޭޝަނުން ރަނގަޅު ހައްލެއް ހޯދުމެވެ. ކުޅުންތެރިންނަށް ދޭ ސަމާލުކަން ރެފްރީންނަށް ދިނުމެވެ. މުބާރާތަށް ކުޅުންތެރިން ތައްޔާރުކުރާ ބީދައިން ރެފްރީންވެސް ތައްޔާރުކޮށް ފުރުޞަތު ހޯދައިދިނުމެވެ.

ކުރިއަށް އޮތް އޭޝިއަން ސެންޓްރަލް ޒޯލް ވޮލީބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ވޮލީބޯޅަ ޓީމް ތައިލެންޑަށް ދިޔައިރު ޖޫނިއަރ ރެފްރީއަކަށް ވަނީ ފުރުޞަތު ދީފައެވެ. ވޮލީބޯޅަ ރެފްރީއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ހޭދަކުރި ނަމަވެސް ކުރިއަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ސީ ގްރޭޑް ރެފްރީ މުޙައްމަދު ރަމީޒަށް މިއީ ރަނގަޅު ތަޖުރިބާއެކެވެ. އަތޮޅުތަކުގައި ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ނަމަވެސް ބޭރުގައި މިފަދަ ފުރުޞަތެއް މީގެކުރިން ލިބިފައި ނެތުމުން އޭނާ ދެކެނީ މިއީ ރެފްރީންގެ ކުރިމަގަށް ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމި މުޙިއްމު ނިންމުމެއްގެ ގޮތުގައެވެ.

" ޖޫނިއަރ ރެފްރީން ފޮނުވުމަކީ ރެފްރީންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ސަބަބަކަށްވަނީ ރެފްރީންނަށް ރެފްރީކަން ކުރުމުގެ ފުރުޞަތެއް ނުލިބޭނެ. މިކަހަލަ ތަނަކަށް އައިސްސަ ޖޫނިއަރ ރެފްރީންނަށް ފުރުޞަތު ލިބުމަކީ އޭނަގެ އަދި ދެންތިބޭ ރެފްރީންނަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނީ. އަދި ކުރިއަރަށްތިބޭ ރެފްރީންނަށް ވަރަށް ބޮޑު ހިތްވަރެއް މިއީ " ތައިލެންޑް ކޭމްޕުން ފުރުޞަތު ލިބުނު ރެފްރީ މުޙައްމަދު ރަމީޒް ބުންޏެވެ.

ރާއްޖޭގެ ޤައުމީ ވޮލީ ޓީމާއެކު ތައިލެންޑްގައި 7 ދުވަސް ހޭދަކުރި މުޙައްމަދު ރަމީޒު ވަނީ ޤައުމީ ޓީމް ކޭމްޕްގައި ކުޅުނު 5 މެޗެއްގައި ރެފްރީކަންކޮށްފައެވެ. އެހެންކަމުން ޤައުމީ ޓީމަށް ކޭމްޕުން ލިބުނު ތަޖުރިބާ ރެފްރީއެއްގެ ގޮތުގައި ރަމީޒަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ ޓީމް ސްރީލަންކާގައި ކޭމްޕްކުރިއިރުވެސް ޖޫނިއަރ ރެފްރީއަކަށް އެސޯސިއޭޝަނުން ވަނީ ފުރުޞަތު ދީފައެވެ. 

" މިއީ އަޅުގަނޑުމެން ހަވާލުވެފަ ފެށި ކަމެއް ޖޫޏިއަރ ރެފްރީންނަށް ފުރުޞަތު ދިނުން. މިއީ ރެފްރީންގެ ޑިވެޕޮލްމަންޓަށް ކުރާކަމެއް. މިކަން ދާއިމީގޮތެއްގައި ކުރިއަށް ގެންދާނަން. " އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

މިފަދަ ކޭމްޕްތަކުގައި ލިބޭ ރަނގަޅު ފުރުޞަތުތަކަށްފަހު ރާއްޖޭގެ ބޮޑަތި މެޗުތަކުން އެފަދަ ރެފްރީންނަށް ފުރުޞަތު ދީފިނަމަ ވޮލީބޯޅަ ރެފްރީންނަށް ހިތްވަރަކަށްވެ، ރެފްރީން ކުރިއަށް ދިއުމަށް ބާރަކަށް ވާނެއެވެ. އަދި އެކަމުގެ ފައިދާ ވޮލީބޯޅައަށް ކުރާނެކަމާމެދު ޝައްކެއް ނެތެވެ.