ޚަބަރު

ގޭސްފުޅިއެއްގައި ރޯވެ 3 މީހަކަށް އަނިޔާވެއްޖެ


މާލޭގެ ގެއެއްގައި ހުރި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަންހެނަކަށާއި ދެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި ޙާދިސާގައި އަނިޔާވީ ޢުމުރުން ތިރީސް ފަސްއަހަރުގެ އަންހެނަކލާއި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށާއި އުމުރުން ތޭރަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މި މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވެއެވެ.

މިއަދު މެންދުރު 12:25 ހާއިރު ހިނގި މިހާދިސާގައި ގޭސްފުޅީގައި ރޯވެފައިވަނީ ރޮށި ފިހަން އުޅުމުގެ ތެރޭގައި ގޭސްފުޅި ހުސްވެގެން، ގޭސް ފުޅި ބަދަލުކުރުމަށްފަހު ރެގިއުލޭޓަރު ރަނގަޅަށް ނުޖެހި ހުރުމުގެ ސަބަބުން އޭގައި ހުޅު ހިފައިގެންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިހާދިސާގައި ގޭސްފުޅިއަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ގޭސްފުޅި ގުޅާފައިވާ ރެގިއުލޭޓަރ އަދި ހޮޅި އަނދާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ، ވިލާ ގޭސްގެ، ގޭސްފުޅިއެއްގައެވެ.