ދުނިޔެ

ކޮރެޔާއަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެ - އެމެރިކާ


އުތުރު ކޮރެޔާގެ އަމަލުތައް ހުރި ގޮތުން އެޤައުމާ ދޭތެރޭ އަސްކަރީ ފިޔަވަޅު އެޅުމާ ދޭތެރޭ ވިސްނަވާނޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކް ޓިލަރސަން ވިދާޅުވެއްޖެއެވެ. 

މާޤަމާ ހަވާލުވެވަޑައިގަތުމަށްފަހު އޭޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ދެކުނު ކޮރެޔާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަރސަން ވިދާޅުވީ، އުތުރު ކޮރެޔާގެ މައްސަލައިގައި އެމެރިކާއިން ގެންގުޅެމުންދިޔަ "ކެތްތެރިވުމުގެ ސިޔާސަތު" ނިމުމަކަށް އައިސްފައިވާކަމަށެވެ. 

ޓިލަރސަން ވިދާޅުވީ އުތުރު ކޮރެޔާއާ ދޭތެރޭ އަސްކަރީ ފިޔަވަޅު އެޅުމަކީ ބޭނުންވާ ގޮތެއް ނޫންކަމަށާއި، އެހެންނަމަވެސް އުތުރު ކޮރެޔާއިން އަމަލުކުރާ ގޮތަކަށް ބަލާފައި، އެއާއި އެއްވަރުގެ ޖަވާބެއް އެމެރިކާއިން ދޭނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14898190264505.jpg|ޚާރިޖީ ވަޒީރު ރެކް ޓިލަރސަން، ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ

"އުތުރު ކޮރެޔާއިން އެމީހުންގެ ނިއުކްލިއަރ ޕްރޮގްރާމް ނުރައްކާތެރި ހިސާބަކަށް ގެންގޮސްފިނަމަ، އަސްކަރީ ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް އޮތް ގޮތެއް" އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. 

އުތުރު ކޮރެޔާއަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވާއިރު، ކޮރެޔާއިން ދަނީ އަނެއްކާވެސް މިސައިލްތަކެއް ޓެސްޓްކުރުމަށް ތައްޔާރުވަމުންކަމަށް ޙަބަރުތައް ބުނެއެވެ. ދާދިފަހުންވެސް އެޤައުމުން ދުރު ރާސްތާގެ 4 މިސައިލެއް އެއްފަަހަރާ ޓެސްޓްކުރުމުން، އެކި ފަރާތްތަކުން ދަނީ ކޮރެޔާއަށް ފާޑުކިޔަމުންނެވެ. 

އުތުރު ކޮރެޔާގައި މައްސަލައިގައި ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ޓިލަރސަން ވިދާޅުވީ އުތުރު ކޮރެޔާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް ވޭތުވެދިޔަ 20 އަހަރު ގެންގުޅުނު ސިޔާސަތު ނާކާމިޔާބުވެފައިވާކަމަށެވެ. އަދި އުތުރު ކޮރެޔާގެ މައްސަލަ ހައްލުކުރުމަށް އައު ސިޔާސަތެއް ބޭނުންވާކަމަށް ޓިލަރސަން ވިދާޅުވިއެވެ. އޭގެ އެއްވެސް ތަފްސީލެއް ޓިލަރސަން ހާމައެއްނުކުރައްވައެވެ. ނަމަވެސް އުތުރު ކޮރެޔާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާނުލަނީސް އިތުރު މަޝްވަރާއެއް އެޤައުމާއެކު ނޯންނާނެކަމަށް ޓިލަރސަން ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14614810677556.jpg|އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުން، މިސައިލް ޓެސްޓްކުރާ މަންޒަރެއް ބައްލަވާލައްވަނީ - ފައިލް ފޮޓޯ: ޒިންގހުއާ ނިއުސް

އުތުރު ކޮރެޔާގެ އަމަލުތައް ނުރައްކާތެރި ހިސާބަކަށް ގޮސްގެން އުޅެނީ އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ކޮރެޔާގެ ސަރަޙައްދުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުންކަމަށް ތަޖުރިބާކާރުން ދެކެއެވެ. އަދި މިއޮޕަރޭޝަންތައް ހުއްޓާލުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ޓިލަރސަން ދެކޮޅު ހެއްދެވިއެވެ. 

"އަހަރެމެން ޤަބޫލެއް ނުކުރަން މިވަގުތު އެއްވެސް މަޝްވަރާއެއް ކުރިއަށްގެންދަން ޖެހޭކަމަކަށް.. މަޝްވަރާތައް އަލުން ފެށުމަށް މިހާރުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވާންޖެހޭ" ޓިލަރސަން ވިދާޅުވިއެވެ. 

އުތުރު ކޮރެޔާއިން ފޮނުވާލަފާނެ މިސައިލަކުން ރައްކާތެރިވުމަށްކަމަށް ބުނެ އެމެރިކާއިން ދެކުނު ކޮރެޔާގައި ޤާއިމްކުރާ މިސައިލް ޑިފެންސް ސިސްްޓަމް "ތާޑް"، މިހާރު ދަނީ ކޮރެޔާގައި ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. 

img:http://s3.psmnews.mv/images/660x400/8376.jpg|އުތުރު ކޮރެއާގެ މިސައިލެއް

އެމެރިކާއިން ކޮރެޔާގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ މިސައިލް ޑިފެންސް ސިސްޓަމް "ތާޑް" އާބެހޭ ގޮތުން ވާހަކަދައްކަވަމުން ޓިލަރސަން ވިދާޅުވީ އެއީ ކޮރެޔާ ސަރަހައްދަށް މުހިއްމު ސިސްޓަމެއްކަމަށެވެ. އަދި އެކަމާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ އުޞޫލު ބަދަލުކޮށް، ނޫނީ އެފަދަ ސިސްޓަމެއް ބަހައްޓަންޖެހޭ ސަބަބުތަކާމެދު ޗައިނާއިން ވިސްނަންޖެހޭކަމަށް ޓިލަރސަން ވިދާޅުވިއެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޓިލަރސަން ވަނީ އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާގެ ބޯޑަރު ހިމެނޭ "ޑީމިލިޓަރައިޒްޑް ޒޯން" އަށް ވަޑައިގެންފައެވެ. މިއީ 2012 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެސަރަޙައްދަށް ކުރެއްވި ޒިޔާރަތަށްފަހު، އެމެރިކާގެ އިސްބޭފުޅަކު އެސަރަޙައްދަށް ވަޑައިގެން ފުރަތަމަ ފަހަރެވެ.