ތަރައްްޤީ

އިންފުލުއެންޒާއިން ރައްކާތެރިވަމާ !؟


ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުން އަންނަ އިންފުލުއެންޒާއަކީ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ. މިބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެއެވެ.

އިންފުލުއެންޒާ ނުވަތަ ފުލޫ ފެތުރެނީ އަރިދަފުސް ރޯގާވެސް ޖެހޭގޮތަށެވެ. މިބަލި އެންމެ އާއްމު ގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހޭ މީހުންނަށް ކެއްސާ އަދި ކިނބިހިއެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމް އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުންވެސް މި ޖަރާސީމް ހަށިގަނޑުގެ ފެތުރިގެންދެއެވެ.

img:http://s2.psmnews.mv/images/660x400/14895551246371.jpg|އަރިދަފުސް ރޯގާއަށް ހޭލުންތެރިކުރުމާބެހޭ ޕޯސްޓަރެއް

އިންފުލުއެންޒާ ނުވަތަ ފުލޫ ޖެހުމުން އޭގެ އަލާމަތްތައް ތިންވަރަކަށް ދުވަސްތެރޭގައި ފެންނަން ފަށާނެއެވެ. އެގޮތުން މި ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން، ވަރުބަލިވުން، ބޮލުގައި ރިއްސުން ހިމެނެއެވެ. އަދި ކަންބޮޑުވާފަދަ އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، ނޭވާ ކުރުވުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

އިންފުލުއެންޒާއަށް ޝައްކުވާނަމަ އަވަހަށް މި ބައްޔަށް ޓެސްޓް ކުރުމަކީ މުހިންމުކަމެކެވެ. މި ބައްޔަކީ ވަރަށް އަވަހަށް ފެތުރިގެންދާ ބައްޔަކަށް ވުމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ޓެސްޓްކުރަންޖެހޭނެއެވެ. އެގޮތުން މި ބައްޔަށް ޓެސްޓް ކުރުމުން މި ޓެސްޓުން ވައިރަސް ސްޓްރެއިން ދެނެގަނެ، ބަލިން ދިފާއުވުމަށް ދިވެހި ރާއްޖެއަށް ބޭނުން ކުރެވޭނެ ވެކްސިން އުފެއްދޭނެ މަގުފަހިވެގެންދާނެއެވެ.

img:http://s1.psmnews.mv/images/660x400/14895551110137.jpg|އަރިދަފުސް ރޯގާއަށް ހޭލުންތެރިކުރުމާބެހޭ ޕޯސްޓަރެއް

އިންފުލުއެންޒާއަށް ޓެސްޓް ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެގޮތުން މި ބައްޔަށް ޓެސްޓް ކުރުމަށް ނޭފަތުން ނުވަތަ ކަރުތެރެއިން ޓެސްޓް ކުރެވެން ބޭނުންވާ ސާމްޕަލް ނެގޭނެއެވެ. އަދި މި ބައްޔަށް ޓެސްޓް ކުރުމަށް ލޭ ނަގާކަށް ނުޖެހެއެވެ. އަދި ޑޮކްޓަރުގެ ކޮޓަރިތެރެއިން ފަސޭހައިން ސާމްޕަލް ނެގޭއިރު މި ޓެސްޓް ހިލޭ ހެދޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އިންފުލުއެންޒާ ނުވަތަ ފުލޫ ޖެހިއްޖެނަމަ، އަމަލުކުރޭވެ ބައިވަރު ގޮތްތައް ހުރެއެވެ. އެގޮތުން އަމިއްލަ ފަރުވާވެސް މިބަލީގައި ހޯދިދާނެއެވެ. އެގޮތުން ހުން ނުވަތަ ރޯގާ ޖެހިއްގެ ނަމަ ގޭގައި ދެވޭ ކުދި ފަރުވާތައް ދޭން ފެށިދާނެއެވެ. އެގޮތުން ޕެނަޑޯލް ނުވަތަ ހުން މަޑުކުރާ ބޭސްތައް ގަޑިން ގަޑިޔަށް ބޭނުންކުރުމާއި، ސާފުތާހިރުކަން ބެލެހެއްޓުންފަދަ ކަންތައްތައް ކުރެވިދާނެއެވެ. އަދި ބަލިޖެހުމުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި ކެއްސާއިރު ނުވަތަ ކިބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި ބަލިމީހުންނާއި ގިނަގިނައިން ގައިގޯޅިވެ ނޫޅުމަށް ސަމާލުކަންދޭން ޖެހޭނެއެވެ. މީގެއިތުރުން ރަނގަޅު ކާނާ ކެއުމާއި ގިނައިން ފެން ބުއިމާއި މަގުމައްޗަށް ކުޅު ނުޖެހުމާއި އިންފުލުއެންޒާއަށް ޚާއްސަ ކުރެވިފައިވާ ވެކްސިންޖެހުންވެސް ހިމެނެއެވެ. އަދި ބަލިވެއްޖެނަމަ ވަޒީފާއަށާއި، ސްކޫލަށް ނުގޮސް ގޭގައި މަޑުކުރުމަކީވެސް ބަލި ފެތުރުނަނުދީ ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.