ތަރައްްޤީ

ސްކޫލްތައް މަރާމާތު ކުރުމުގެ 50 މަޝްރޫއެއް މެދުނުކެނޑި ކުރިއަށް


ސްކޫލްތަކުގެ އާބާތުރަފިލުވައި، މަރާމާތުކުރެއްވުމަށް ހިންގަވާ 50 މަޝްރޫޢުގެ ތެރެއިން 30 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ނިމި، އެތަންތަން ބޭނުންކުރަން ފެސޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރައްވައި، ތަރައްޤީކުރެއްވުމަށްޓަކާ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުން ބޮޑުޚަރަދެއް ކުރައްވައިގެން ކުރައްވަމުން ގެންދަވާ މި މަސައްކަތުގެ ދަށުން ރާއްޖޭގެ ސްކޫލްތަކަކީ ވަޞީލަތްތައް ހަމަ ސްކޫލްތަކަކަށް ހެއްދެވުމަށް އަމާޒު ހިއްޕަވައި، އެއަމާޒަށް ވާޞިލުވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީން ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 50 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި 50 މަޝްރޫޢުގެ ތެރޭގައި 319 ކްލާސްރޫމް، 12 ހޯލް، އަދި ސްކޫލްތަކަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ހޯއްދެވުމުގެ 23 މަޝްރޫޢެއް ހިމެނެއެވެ. މި ހުރިހާ މަޝްރޫޢެއްގެ ޖުމްލަ އަގު 261 މިލިއަން ރުފިޔާއަށް އަރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި 50 މަޝްރޫޢުގެ ޢަމަލީ މަސައްކަތް، އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ދާކަމަށެވެ. އަދި 50 މަޝްރޫޢުގެ ތެރެއިން 30 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްއޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިމި، އެތަންތަން ބޭނުންކުރަން ފަށްޓަވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިއާއެކު، ވަކިން ޚާއްސަގޮތެއްގައި އަތޮޅުތަކުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށާއި، ވަސީލަތްތައް ހަމަނުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރަމުން އަންނަ މިންވަރު ދައްކައިދޭ އެންމެ މުހިންމު މިންގަނޑުތަކަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ ހޯދަމުން ގެންދާ ކާމީޔާބީތަކެވެ. އެގޮތުން މިދިޔަ އަހަރު ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެއީ ތަޢުލީމީ ދާއިރާއިން ރާއްޖެއަށް ހޯދިފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސިފަކުރައްވައެވެ.

ރާއްޖޭގެ 217 ސްކޫލެއްގައި ހަތްދިހަ އަށް ހާހަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ. މީގެ ތެރޭގައި މާލޭގެ 17 ސްކޫލަތަކާއި، އަތޮޅުތަކުގެ 200 ސްކޫލެއް ހިމެނެއެވެ.