އިސްލާމްދީނަކީ ހަމައެކަނި އަޅުކަމުގެ ދީން ކަމަށް ޤަބޫލު ކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވާލެއްވި ޝަރީޢަތް އޮޅުވާލުން ކަމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ދީނީ އަދި ޤައުމީ ރޫޙް އާލާ ކުރުމުގެ މަޝްރޫޢު، "ތަރިކަ" އިފްތިތާޙް ކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އިސްލާމީ ޙަޟާރަތާ ގުޅޭ ގޮތުން ދެއްވެވި ޕްރެޒެންޓޭޝަނެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދީނީ އަދި ޤައުމީ ރޫޙް އާލާ ކުރުމުގެ މަޝްރޫޢު، ތަރިކަ އިފްތިތާޙް ކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޙައްޤު މީސްތަކުންނަށް ބަޔާންކޮށްދެންޖެހޭ ކަމަށެވެ. އިސްލާމްދީނަކީ ދަޢުލަތާއި ޢިލްމާއި އިޖްތިމާޢީ އަޚްލާޤިއްޔާތާއި ދިރިއުޅުމުގެވެސް ދީން ކަމަށް ޝަހީމް ވިދާޅުވިއެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީން މިސްކިތުގެ ތެރެއަށް ވައްދާ ދޮރު ލައްޕާ ލުމަކީ އެއްގޮތަކަށްވެސް "ކަމުދާނެ" ގޮތެއް ނޫން ކަމަށެވެ.
" އިސްލާމްދީނުގެ ހަޤީޤަތް އޭގެ ހަޤީޤަތާއި އެއްގޮތަށް އަޅުގަނޑުމެން އެބަޖެހޭ ފަތުރަން. އެބަޖެހޭ ބަޔާންކޮށްދެން. ޢިލްމުވެރިން އެބަޖެހޭ މިކަމުގައި މަސައްކަތް ކޮށްދޭން،" ޑރ.ޝަހީމް ވިދާޅުވި.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީނުގައި އަންހެނުންނާއި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އަދި މާތް ނަބިއްޔާވެސް އަންހެނުންނާއި ޒުވާނުންނަށް ވަރަށް މަތިވެރި މަޤާމެއް ދެއްވަވާފައިވާ ކަމަށް ޝަހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ އިސްލާމީ ހަޟާރާތް ޤާއިމް ކުރެއްވުމުގެ ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ބައިވެރިވުން އޮތް ކަމަށެވެ.
"އަޅުގަނޑުމެން ރަނގަޅަށް މިކަންކަން ރަނގަޅަށް ދިރާސާކޮށް މުރާޖާކޮށް އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނާ ހަމައަށް ފޯރުކޮށްދޭންޖެހޭ. އިސްލާމްދީނުގެ ޙަވާސާ ވެފައި ތިބި ބައެއް ނޫން އެކަނބަލުންނަކީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ޕްރެޒެންޓޭޝަނުގައި އިސްލާމީ ހަޟާރާތް އެންމެ ފުރަތަމަ އުފެދިގެން އައި ގޮތާއި އަދި އިސްލާމީ ޙާޟާރާތުގައި ހުރި މުހިއްމު ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައިއެވެ.