ތަރައްްޤީ

"އިދިކޮޅުގައި ތިބީ ހުސް، ވެރިކަމަށް އަންނަން ބޭނުންވާ މީހުން"


މިއަދުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ސިޔާސީ މީހުންގެގޮތުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އަންނަން ބޭނުންވާ ބޭފުޅުން ކަމަށާއި އެހެންކަމުން ދުވަހަކުވެސް އެބޭފުޅުން އެއްގަލަކަށް އަރައިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ޙަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާ އިދިކޮޅަށް ނުކުމެ ތިއްބެވި ބޭފުޅުންނަކީ މީގެކުރިން އެކި ދިމަދިމާގައި ތިއްބެވި ބޭފުޅުން ކަމަށެވެ. 

ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އައި ނަމަވެސް ސަރުކާރެއް ހިންގޭނީ ކޮންމެވެސް އެއް ބަޔަކަށް ކަމަށާއި ބަސް ކިޔޭނީވެސް ކޮންމެވެސް އެއް ބަޔަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރަކަށް އެންމެ މުހިއްމު ކަމަކަށްވާނީ ރަނގަޅު ކަމެއް ވެއްޖެނަމަ އެކަމަށް ޝުކުރު އަދާކުރުން ކަމަށާއި ނުރަނގަޅު ކަމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ވެސް ސަރުކާރަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގެ ޒިންމާ ސަރުކާރާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން އުފުލަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްއޫލިއްޔަތު ނަގާ ޕާޓީއަކަށް ވެފައި އޮންނާނީ ސަރުކާރު ހިންގާ ޕާޓީ. ސަރުކާރު ހިންގާ ޕާޓީއަކަށް މުހިއްމު ވެގެންދާނީ ރައްޔިތުން މަޖިލީހުގެ ބޮޑު އަޢުލަބިއްޔަތެއް އޮތުން. އެ އަޢުލަބިއްޔަތު ނުލިބިއްޖިއްޔާމު އޭގެ މާނައަކީ ސަރުކާރަށް ރައްޔިތުންގެ ތާޢީދު ނެތޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހެދި ހުރިހާ ކޯލިޝަނެއް ރޫޅިފައި އޮތް މައިގަނޑު ސަބަބަކީ އެފަދަ ކަންކަން "އެކޮޅުކޮޅުން" ޖެހިފައި އޮތުމުން ކަމަށެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ މުހިއްމު ކަންކަން ތަންފީޒުކުރާ އެންމެ އިސް މަޤާމުތަކުގައި ތިބޭ މީހުންނަކީ ސަރުކާރަށް ލިބެންޖެހޭ މަޤާމުތަކަކަށް ވާންޖެހޭ ކަމަށެވެ. އެކަމުގެ މިސާލަކަށް ރައީސް ޔާމީން ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމެވެ.

"އެނޫން ގޮތަކަށް އަޅުގަނޑުމެންގެ ތެރެއިން ވިސްނުން ހުންނަ ކަމަށްވަންޏާ ކޯލިޝަންގެ ތެރޭގައި ރެނދު އަޅާ އެ ރެނދު ފުޅާ ވެގެން ދާނެކަން އަޅުގަނޑުމެން ހަނދާނަށް ގެންނަންވާނެ،." ރައީސް ވިދާޅުވިއެވެ.