ތަރައްްޤީ

ޖޮއިން ޓީމް އެމް.ޓީ.ސީ.ސީ ކެމްޕެއިން ނިންމާލައިފި


ޖޮއިން ޓީމް އެމް.ޓީ.ސީ.ސީ ކެމްޕެއިން ނިންމާލައިފިއެވެ. 

ސޯޝަލް ސެންޓަރުގައި އިއްޔެ ކުރިއަށްގެންދިޔަ " ޖޮއިން ޓީމް އެމް.ޓީ.ސީ.ސީ" ކެމްޕެއިންނަކީ އެކުންފުނީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތާއި މިހާރު ކުރަމުންގެންދާ މަސައްކަތް ޢާންމުނަށް ޙިއްޞާކުރުމުގެ ގޮތުން ކުރިޔަށްގެންދިޔަ ކެމްޕެއިނެކެވެ. އަދި އެކުންފުނީގައި މިވަގުތު ހުރި ވަޒީފާގެ ފުރުޞަތާއި ބެހޭ މަޢުލޫމާތުވެސް މިކެމްޕެއިން ތެރެއިން ވަނީ ދީފައެވެ. އެގޮތުން އެމްޓީސީސީގެ މިވަގުތު އޯޕަންވެފައި އޮތް 700 އެއްހާ ވަޒީފާގެ މަޢުލޫމާތު ދީފައިވެއެވެ. އަދި އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް ޢަމަލީ ގޮތުން ދައްކާދީފައިވެއެވެ. 

މިކެމްޕެއިންނާގުޅޭ މަޢުލޫމާތު މީޑިއާ ޙިއްޞާކުރައްވަމުން އެކުންފުނީގެ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ޢަބުދުﷲ ފާއިދު ވިދާޅުވީ އެކުންފުނީގައި މިވަގުތު ހުޅުވާލާފައިވާ ވަޒީފާތަކާއި ގުޅޭ މަޢުލޫމާތާއި އެ ވަޒީފާއަށް އެދި ކުރިމަތިލުމުގެ ފުރުޞަތު މި ކެމްޕެއިން ތެރެއިން ހުޅުވާލިކަމަށެވެ. އަދި ވަޒީފާއަށް ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. 

img:http://s2.psmnews.mv/images/660x400/14886405099129.jpg|ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިންގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މި ކެމްޕެއިންގެ ތަރުޙީބަށް ބަލާ ރޯދަމަހުގެ ކުރިން މިފަދަ އިތުރު ހަރަކާތެއް ބޭވުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.

އެމް.ޓީ.ސީ.ސީން ދަނީ އެކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން އިތުރަށް ތަމްރީން ކުރުމުގެ ސިޔާސަތުގެ ދަށުން ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން ކުރިޔަށް އޮތްތާނގައި އެކުންފުނިން 33 ސްކޮލަޝިޕް ފުރުޞަތު ހުޅުވާލާނެކަމަށް އެމްޓީސީސީން ބުނެއެވެ. މި ސްކޮލަޝިޕްގެ ފުރުޞަތުތަކަށް އެކުންފުނިން އެކަށީގެންވާ މީހުން ހޯދުމުގައި ދަތިވާނަމަ، ޢާންމުނަށް އެ ފުރުޞަތު ހުޅުވާލާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އެކުންފުނިން ދަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން މެރިން މެކޭނިކާއި ހައިޑްރޯލިކް އަދި އޮޓޯ މޯބައިލް މެކޭނިކް ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. 

މި ޕްރޮގްރާމްގެ ދަށުން ކުންފުނީގައި ވަޒީފާ އަދާކުރުމަށް ހޮވޭ މުވައްޒަފުންނަށް ޙާއްސަ އެލަވަންސަކާއި އެކޮމަޑޭޝަން ދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.ޓީ.ސީސީން ވިދާޅުވެއެވެ.