ތިމާވެށި

ވެމްކޯއާއެކު އެސްޓީއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި


ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން، އެސް.ޓީ.އޯގައި އުފެދޭ ކުނި ނައްތާލުމުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން- ވެމް.ކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިއަދު އެސް.ޓި.އޯ ހެޑް އޮފީހުގައި ބޭއްވެވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަޙީރު ވިދާޅުވީ ވެމްކޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެކުންފުނީގެ އައުޓްލެޓްތަކުގައި އުފެދޭ ކުނި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މެނޭޖް ކުރެވިގެންދާނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14887198070116.jpg|އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަޙީރު / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ އައުޓްލެޓްތަކުގައި ބައިވަރު ވޭސްޓް ހުރޭ އުކާލަންޖެހޭ.. އެސް.ޓީ.އޯ މުވައްޒަފުންނާއި ވެހިކަލް ބޭނުން ކުރިޔަސް އައުޓް ސޯސްކުރިޔަސް ވަރަށް ބޮޑު ޙަރަދެއްކޮށްގެން މިކަން ކުރަނީ. ވެމްކޯއަށް މިމަސައްކަތް ހަވާލުކުރުމުން އެއަށްވުރެ ކުޑަ އަގެއްގައި މިހާރަށްވުރެ އޮގަނައިޒްކޮށް މާރަނގަޅަށް މިކަންތައް ކުރެވޭނެ.. މިއީ އެއް ސަބަބު ވެމްކޯއާ އެކު ސޮއިކުރާ" ޝަހީރު ވިދާޅުވިއެވެ.

ވެމްކޯއިން ރިސައިކަލްކޮށް، ރާއްޖެއިން ބޭރަށް ގެންދާ ކުނި، އެސް.ޓީ.އޯއިން އިންޑިޔާއަށް ދަތުރުކުރާ، ބޯޓުގައި ހިލޭ ގެންދިއުމަށް އެސްޓީއޯއިން ވަނީ އެއްބަސްވެފައެވެ. 

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ މުޅިރާއްޖެއަށް ކޮމާޝަލް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް ފޯރުކޮށްދިނުމަށް ވާނީ ހުޅުވާލާފައި ކަމަށާއި އެގޮތުން އެސްޓީއޯ ވެގެން ގޮސްފައިވަނީ ވިޔަފާރި ކުންފުނީގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީވި ކުންފުނިކަމަށެވެ.

img:http://s1.psmnews.mv/images/660x400/14887198308905.jpg|ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު / ފޮޓޯ: ޕީއެސްއެމް

"އިލެކްޓްރޯނިކް ވޭސްޓަކީ ވެސް މިހާތަނަށް އައި އިރު މާބޮޑު ޝޮލިއުޝަނެއް އަދި ނުގެނެވި އޮތް ވޭސްޓެއްގެ ގޮތުގައި އޮތީ.. އިލެކްޓްރޯނިކްސް ވޭސްޓާ ބެހޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވެމުންދަނީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންނަށް ސޮލިއުޝަނެއް ފެނިއްޖެ ކަމުގައި ވެއްޖެއްޔާ އިލެކްޓްރޯނިކްސް ވޭސްޓަށް ޙާއްސަކޮށް މިހާރު އުކާލެވޭ އިލެކްޓްރޯނިކްސް ވޭސްޓަކީ ކުނިމެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްގެ ގޮތެއްގައި ފާހަގަކުރެވެނީ" ފުއާދު ވިދާޅުވިއެވެ. 

އެސް.ޓީ.އޯއާއި ވެމްކޯގެ އެއްބަސްވުމުގެ ދަށުން އެކުންފުނީގެ 14 އައުޓްލެޓަކުން ކޮންމެ ދުވަހަކު ކުނި އުކާލަދިނުމުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުނި ކަލެކްޓްކުރުމާއި މީހުން ހޭލުންތެރިކުރުން ހިމެނޭ ކަމަށް ވެމްކޯއިން ހާމަކުރެއެވެ.