ތަރައްްޤީ

2 ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް 1500އަށްވުރެ ގިނަމީހުން ގުޅިއްޖެ


ބައެއް އަމިއްލަ ކުޅިވަރު ޖަމިއްޔާތަކުން ޕީޕީއެމްއަށް މެމްބަރުންތަކެއް ސޮއިކޮށްފިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕީޕީއެމްއާ އަލަށް ގުޅުނު އަމިއްލަ ކުޅިވަރު ޖަމިއްޔާތަކަކީ ހުޅުމާލެ ސްޕޯޓްސް ސްކޫލާއި ރަނާރސް އެކަޑަމީއެވެ. އަދި ބ. ކަމަދޫއިން ވެސް ވަނީ ޕީޕީއެމްއަށް އަލަށް މީހުންތަކެއް ސޮއިކޮށްފައެވެ. މި ފޯރމްތަކާ ޙަވާލުވެލެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްއެވެ.

މީގެކުރިންވެސް ރާއްޖޭގައި ބޭފުޅުން ވެރިކަން ކުރެއްވި ކަމަށާއި އެބޭފުޅުންނަށްވެސް ޤައުމު އާރާސްތުކޮށް ޤައުމަށް ތަރައްޤީ ގެންނެވުމަށް ފުރުޞަތު ލިބިގެން ގޮސްފައިވާ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"އެބޭފުޅުންނަށްވެސް ލިބުނު ބްރިޖް އަޅާނެ ފުރުޞަތު. އެބޭފުޅުންނަށްވެސް ލިބުނު އެއާރޕޯޓް އަށް ތަރައްޤީ ގެނައުމަށްވެސް ފުރުޞަތު ނަމަވެސް އެބޭފުޅުންނަށް އެ މުއްދަތުގެ ތެރޭގައި ޤައުމަށް ކަމެއް ނުކޮށްދެއްވުމަކީ ރައީސް ޔާމީންގެ ކުށެއް ނޫން،" އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

ޕީޕީއެމްއަށް މިއަދު އަލަށް 400 މީހުން ގުޅުނުއިރު އިއްޔެ އެކަނިވެސް އެޕާޓީއަށް ވަނީ 1،000 އަށްވުރެ ގިނަ މީހުން އަލަށް ގުޅިފައެވެ. އޭގެތެރޭގައި މުޅިން އަލަށް ސިޔާސީ ޕާޓީއަކާ ގުޅުނު 800 މީހުން ހިމެނެއެވެ. މި ދެދުވަހުގެ ތެރޭގައި ޕީޕީއެމްއަށް ވަނީ މުޅިން އަލަށް 1،855 މީހުން ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ. 

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓީން ނުކުންނާނީ ސަތޭކަ ފަންސާސްހާސް މެމްބަރުންނާއެކުގައި ކަމަށެވެ.