ރިޕޯޓް

ދަމަނަވެށީގެ "ފަހި ޚިދުމަތް" ޕްރޮގްރާމް އިފްތިތާހުކުރައްވައިފި


ދަމަނަވެށިން ދެއްވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ގޮތުން "ފަހި ޚިދުމަތް" ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކުރައްވައިފިއެވެ. 

މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ދަމަނަވެށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. 

ފަހި ޚިދުމަތުގެ ނަމުގައި ދަމަނަވެށިން ފެއްޓެވި ޕްރޮގްރާމަކީ، ދަމަނަވެށިން ދެއްވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ ގޮތުން ވަކިވަކި ޚިދުމަތްތަކާދޭތެރޭ އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ދެކޭގޮތް ދުވަހުން ދުވަހަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި މިކަމަކީ ޕްރައިމަރީ ހެލްތު ކެއަރގެ ސިފަތަކުގެ ތެރޭގައި ބާރުވެރި ކުރެވިފައިވާ ކަމަކަށްވާތީ، މި ޕްރޮގްރާމްގެ ދަށުން ލިބޭ ނަތީޖާ ދުވަހުން ދުވަހަށް އިވިލުއޭޓްކޮށް ރަނގަޅު ކުރަންޖެހޭ ކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އެސެންޓަރުން ވިދާޅުވެއެެވެ. މި ޕްރޮގްރާމް ފެށްޓެވުމުގެ ގޮތުން ދަމަނަވެށީގައި އޮތް ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ވީހާވެސް ފަސޭހަކޮށް، ލުއިކޮށް ދެއްވުންކަމަށެވެ. 

ދަމަނަވެށިން މި ފެށްޓެވި ޕްރޮގްރާމްގެ ސަބަބުން ދޭހަވަނީ ދަމަނަވެއްޓަށް ޚިދުމަތް ހޯދަން އަންނަ ކޮންމެ ދިވެހި ރައްޔިތަކަށް އޯގާތެރިކަމާއެކު ޚިދުމަތް ދިނުމުގެ ވިސްނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"ދަމަނަވެށީގެ ޚިދުމަތް މިއަދު އިތުރަށް ފުޅާވެ، އިތުރު ޚިދުމަތްތަކެއް މިތަނުން ލިބިގެންދާކަން އެއީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ފާހަގަކުރާކަމެއް. މިސާލަކަށް ދުވަސްވީ މީހުންނަށް ޚިދުމަތް ދިނުމަށްޓަކާ ގޭގެއަށް ޒިޔާރަތް ކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް މިތަނުން ލިބުމާއި، އަދި ފުރާވަރުގެ ކުދިންނަށް ބޭނުންވާ ކައުންސިލިންގއާއި މިފަދަ ޚިދުމަތްތައް ދިނުމާއި، ވެކްސިން ދިނުމުގައިވެސް ފަސޭހަ އިތުރު އިންތިޒާމްތަކެއް މިތާ ޤާއިމްވެގެން ކުރިއަށްދާކަމީ މިތަން ހަލުވިކަމާއެކު ކުރިއަށްދާޖކަމުގެ ވަރަށްބޮޑު ރަމްޒެއް." ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަމަނަވެށި ހިންގެވުމާއި ޙަވާލުވެހުންނެވި ހެލްތު މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް މުޙައްމަދު ޒަހީން ވިދާޅުވީ، ދަމަނަވެށިން ދެއްވާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުންދާކަމަށެވެ. 

"ޚިދުމަތް ލިބިގަންނަށް އަންނަ ފަރާތްތަކުގެ ބައިވެރިވުން ލިބިގެން ޚިދުމަތް މިން ކުރުން. މުވައްޒަފުންނަށް އިތުރު ތަމްރީނާއި ހުނަރު އިތުރުކޮށްދިނުން. ޚިދުމަތް ހޯދުމަށް އަންނަ ބޭފުޅުންނަށް ވީހާވެސް ތެދު ބަހުން މަޢުލޫމާތު ފޯރުކޮށްދިނުން. ޚިދުމަތް ރަނގަޅުވާނެ ގޮތްތައް ބަލާ އެގޮތްތަކުގެ މައްޗަށް ޚިދުމަތްތައް ބައްޓަންކޮށް ބަދަލުކޮށް ޚިދުމަތް ދެމުން ގެންދިއުން. މިދެންނެވި ރޫޚުގައި މުވައްޒަފުން މިފައްޓާ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކާމިޔާބުކޮށް، މިތަނަކީ ނަމްބަރ 1 ހެލްތު ފެސިލިޓީކަމުގައި އިރާދަކުރެއްވިއްޔާ ހަދާނަން.،" ޒަހީން ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވަނީ ދަމަނަވެށިން ކުރިއަށްގެންދެވި އެކިއެކި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި މުވައްޒަފުންނަށް ސެޓެފިކެޓް ދެއްވާފައެވެ. އަދި އެސެންޓަރަށް ދިހަ އަހަރަށްވުގެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.