ތަރައްްޤީ

ކުރިން ޕާޓީއަކާ ގުޅިފައި ނުވާ 800 މީހުން ޕީޕީއެމްއާ ގުޅިއްޖެ


މިހާތަނަށް އެއްވެސް ޕާޓީއަކާ ގުޅިފައި ނުވާ 800 ޒުވާނުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމާ މިއަދު އަލަށް ގުޅިއްޖެއެވެ.

ރައީސް ޔާމީން 2018، ކެމްޕެއިން އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ޙަފްލާއެއްގައި މި 800 މެމްބަރުންގެ ފޯމްތަކާ ޙަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ. މި ޙަފްލާގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިއަދު އެކަނިވެސް ޕީޕީއެމާ ހާހަކަށްވުރެ ގިނަ މެމްބަރުން އަލަށް ގުޅިފައިވާކަމަށާ މިކަމުން ދޭހަވެގެން ދަނީ ރައީސް ޔާމީންގެ ސިޔާސަތުތައް ރައްޔިތުން ޤަބޫލުކުރާ މިންވަރުކަމަށެވެ. 

މިހާތަނަށް އެއްވެސް ޕާޓީއަކާ ގުޅިފައިނުވާ 800 ޒުވާނުން ޕީޕީއެމާ އަލަށް ގުޅުނުއިރު، މިއަދު މެންދުރު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 655 މެމްބަރުން ޕީޕީއެމާ އަލަށް ގުޅިފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުވަދުއަތޮޅު އުތުރު ބުރީގެ 4 ރަށަކުން ޕާޓީއާ ގުޅުނު 400 އަށްވުރެ ގިނަ މެންބަރުންނާއި އދ.މާމިގިލީން އެޕާޓީއާ ގުޅުނު 150އަށްވުރެ ގިނަ މެންބަރުންނެވެ. އަލަށް ގުޅުނު މެންބަރުންގެ ތެރޭގައި ގެމަނަފުށީ ކައުންސިލަރެއްވެސް ހިމެނިވަޑައިގަންނަވައެވެ. 

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް އެޕާޓން ނުކުންނާނީ ސަތޭކަ ފަންސާސްހާސް މެމްބަރުންނާ އެކުގައި ކަމަށެވެ.