ތަރައްްޤީ

ޤާނޫނާ އެއްގޮތަށް ހިންގާ ނަމަ ފ.އަތޮޅު ޕްރޮޖެކްޓް ރަނގަޅު- ނާޝިދު


ފ.އަތޮޅުގައި ހިންގަން ސަރުކާރުން ނިންމަވާފައިވާ ބިޔަމަޝްރޫޢުގެ ސާފު މަޢުލޫމާތު ނުލިބެނީސް އެކަމުގައި މާކުރިން ގޮތެއް ނިންމައިގެން ތިބުމަކީ ހަމަތަކާއި އުޞޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރ އަޙްމަދު ނާޝިދު ވިދާޅުވެއްޖެއެވެ. 

ފ.އަތޮޅުގައި ހިންގަން ނިންމަވާފައިވާ ޕްރޮޖެކްޓާ ގުޅޭގޮތުން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ބާއްވަވަފައެވެ. އެބައްދަލުވުމަކީ ފ.އަތޮޅުގައި ހިންގަން ނިންމަވާފައިވާ ޕްރޮޖެކްޓާ ގުޅޭގޮތުން މަޖިލީހަށް މަޢުލޫމާތު ހޯއްދެވުމަށްއެދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާޙިމް މުޙައްމަދު ޞާލިޙް ހުށަހެޅުއްވި މައްސަލައަކާގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. 

އެބައްދަލުވުމުގައި ކޮމަންޑޫ ދާއިރާގެ މެމްބަރު އަޙްމަދު ނާޝިދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކިފަރާތްތަކުން އެކިގޮތްގޮތަށް ވާހަކަދައްކަމުންދާތީ، ނާޝިދުވަނީ މިރޭ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިސިއްޔަތުން އޭނާ އަބަދުވެސް ޢަމަލު ކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީގެ 75ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

ޤާނޫނު އަސާސީގެ އެ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަލު ކުރަންވާނީ ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާ މަންފާއަށް އިސްކަންދެއްވައިގެން ކަމަށެވެ. އަދި މެމްބަރުން އިންތިޚާބުވީ ދާއިރާތައް ތަމްޞީލްކުރުމުގައި މުޅި ޤައުމާ ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށް ރިޢާޔަތް ކުރަންވާނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ނާޝިދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ހިންގާ ޕްރޮޖެކްޓެއްނަމަ، ފ.އަތޮޅުގައި ސަރުކާރުން ހިންގާނެ ޕްރޮޖެކްޓަކީ މުހިންމު ޕްރޮޖެކްޓަކަށްވާނެ ކަމަށެވެ. އެ ބާބަކީ 17ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި އިސްލާޙާއެކު އިތުރު ކުރައްވާފައިވާ ބާބެކެވެ. 

މި ބާބުގައި ދިވެހިރާއްޖެއަށް ގެނެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގައި އަމަލުކުރަންވީ ގޮތް ވަނީ ބަޔާން ކުރައްވާފައެވެ. އޭގައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަޔަ އެނޫންވެސް ގޮތަކަށް ދެވޭނީ އެންމެދިގުވެގެން 99 އަހަރަށް ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭއިންވެސްޓްމަންޓަކީ މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެއިންވެސްޓްމަންޓަކަށް ވުމާއި އެ އިންވެސްޓްމަންޓްގައި ހިމެނޭ ބިމަކީ %70 އެ ޕްރޮޖެކްޓަކަށް ހިއްކާފައިވާ ބިމަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެހެންމެ އެފަދަ ޕްރޮޖެކްޓަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ޚާއްސަ ޤާނޫނަކުން ހުއްދަ ދެވިފައިވާ އަދި ރާއްޖޭގެ ޤާނޫނު އަސާސީއާ ދިވެހި ދަޢުލަތުގެ ސިޔާދަތާއި ބާރުތައް އެ ސަރަޙައްދެއްގައި ހިނގާނެ ޕްރޮޖެކްޓަކަށް ވާންޖެހޭނެ ކަމަށް ވެސް މި ބާބުގައި ބަޔާންކޮށްފައިވެއެވެ.

ނާޝިދު ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އޭނާ ވިދާޅުވީ ފ. އަތޮޅުގައި ހިންގާ މަޝްރޫއަކީ އޭގެ ޒާތައް ބަލާއިރު ގާނޫނާ އެއްގޮތަށް ހިންގާ ޕްރޮޖެކްޓެއް ނަމަ ރަނގަޅު ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ. އަދި އޭގެ މައުލޫމާތު މަޖިލީހާ ޙިއްސާކުރުމަށް ކޮމެޓީގައި ވިދާޅުވެފައި ވާނެކަމަށްވެސް ބަޔާނުގައި ނާޝިދު ވަނީ ވިދާޅުވެފައެވެ.