ތަރައްްޤީ

ކިންގް ސަލްމާން މިސްކިތް ބިނާކުރަން ތުރުކީ ކުންފުންޏަކަށް!


އެއްފަހާ ދިހަހާސް މީހުންނަށް ޖަމާޢަތުގައި ނަމާދުކުރެވޭނެ ޖާގަ ހިމެނޭގޮތަށް ފަރުމާކުރައްވާފައިވާ ކިންގް ސަލްމާން މިސްކިތް ބިނާކުރުމުގެ ކޮންޓްރެކްޓް ޖޮއިންޓް ވެންޗަރ އުޞޫލުން ތުރުކީގެ ދެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ. މި މަސައްކަތް ޙަވާލުކުރެއްވީ ތުރުކީ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ އަލްކޭ ކުންފުންޏާއި ޓާމެކް ކުންފުންޏާއެވެ. 

ހައުސިންގ މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަލްކޭ  ކުންފުންޏާއި ޓާމެކް ކުންފުނި ގުޅިފައި ޖޮއިންޓް ވެންޗަރ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޙުސައިން އޮނޫރު އާބާދީއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަސައްކަތަކީ ސަޢޫދީ ރަސްގެފާނު ދިވެހި ރައްޔިތުންނަށް ދެއްވި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ ޖުމްލަ އަގަކީ 24.95 މިލިއަން ޑޮލަރ ކަމަށެވެ. އަދި މި މަސައްކަތް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މި އުއްމީދު ކުރަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެންމެ ލަސްވެގެން މި މިސްކިތް ހުޅުވިގެން ދާނެ ކަމަށް،" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މިސްކިތުގެ އެތެރެބައިގައި އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން ދިހަހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"މި މިސްކިތަކީ މިސްކިތެއްގެ އިތުރުން އިސްލާމީ މަރުކަޒެއްގެ ގޮތުގައި އިމާރާތް ކުރެވޭ މިސްކިތެއް. އޭގެތެރޭގައި މަލްޓި ޕަރޕަސް ހޯލަކާއި އޮޑިޓޯރިއަމްއަކާއި މިހާރު ބޭނުން ކުރަމުންދާ ޤުރުޢާނާ ބެހޭ މަރުކަޒުވެސް އެތަނަށް ބަދަލު ކުރެވިގެންދާނެ. އަދި ރަނގަޅު ފެންވަރުގެ އިސްލާމީ ލައިބްރަރީއެއް ސެމިނާ ރޫމެއް އަދި ކްލާސް ރޫމްތަކެއް ވެސް މި ތަނުގައި ހުންނާނެ،" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކިންގް ސަލްމާން މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ މާލެ އިރުމަތި ސަރަޙައްދުގައެވެ. މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ ކުންފުންޏަކީ ހުޅުމާލޭގައި އިމާރާތް ކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްވެސް އިމާރާތް ކުރާ ކުންފުންޏެވެ.