ތަރައްްޤީ

ޑރ.ޝަހީމްގެ ނަންފުޅު ޢަދާލަތުން ވަކިކޮށްދިނުމަށް އެދިވަޑައިގެންފި


އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢަދާލަތު ޕާޓީން ވަކިވުމަށް ނިންމަވައި އެމަނިކުފާނުގެ ނަންފުޅު އެޕާޓީގެ ދަފްތަރުން އުނިކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީ ފޮނުއްވައިފިއެވެ. 

މި މަހުގެ 14ވަނަ ދުވަހު ޑރ.ޝަހީމް ސޮއިކުރައްވައި ޢަދާލަތު ޕާޓީގެ އަމީން ޢާއްމު އަޙްމަދު ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، އެޕާޓީގެ ޢާންމު މެމްބަރުކަމުން އެމަނިކުފާނުގެ ނަންފުޅު އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ.ޝަހީމަކީ ޢަދާލަތު ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ އެކި މަޤާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރކަމުގައި ހުންނެވުމަށްފަހު އެ މަޤާމުން އިސްތިއުފާ ދެއްވަވައި ޑރ.ޝަހީމް ވަނީ އަދާލަތު ޕާޓީން ވަކިވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ކުރިންވެސް ވިދާޅުވެފައެވެ. 

އަދި ބޭނުންފުޅުވަނީ ދީން ކުރިއެރުވުމާއި އިޖްތިމާޢީ މަސައްކަތްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ކަމަށް ޑރ.ޝަހީމް ވަނީ ވިދާޅުވިއެވެ. އަދާލަތު ޕާޓީގައި ޑރ.ޝަހީމް ފުރުއްވި މަޤާމުތަކަށް ބަލާއިރު އެޕާޓީގެ ތަރުޖަމާންކަމާއި ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަމާއި، އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ ރައީސްކަން ހިމެނެއެވެ.