ތަރައްްޤީ

ތުރާކުނު ދޯނި ފެނިއްޖެ، ދޯނި އޮތީ ބޭރުގެ ކަނޑެއްގައި މަސް ބާނަން


ކަންނެލީގެ މަސްވެރިކަމަށް ނުކުތުމަށްފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ހއ.ތުރާކުނު "ބްލޫ ފިޝް" ދޯނި ފެނިއްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ 12 މީހުންނާއެކު މަސްވެރިކަމަށް ނުކުތް މި ދޯންޏާ ގުޅުނީ ރޭ ދަންވަރު 1:40 އެހާކަށްހާއިރު ކަމަށެވެ. އެ ދޯންޏާ ގުޅުނުއިރު ދޯނި އޮތީ ކ. ދިއްފުށި ބޭރުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނީގެ ކެޕްޓަނާ ޙަވާލާދެއްވާ އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި މަސްވެރިކަމަށް ނުކުތްފަހުން އުޅުނީ ރާއްޖޭގެ ބޭރު ކަނޑަށް ނުކުމެ މަސްވެރިކަމުގައި ކަމަށެވެ. މަސްވެރިކަން ކުރުމަށް ބޭރު ކަނޑަށް އެ ދޯނިން ނުކުމެފައިވަނީ އެއްވެސް ފަރާތަކަށް އެކަން ޙިއްސާ ނުކޮށްކަމުގައި ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. 

ދޯންޏާ ގުޅުނުއިރު އެދޯނި ދަތުރުކުރަމުން ދިޔައީ މާލެ އައުމަށް ކަމަށާއި ދޯނީގައި ތިބި އެންމެންގެ ޙާލު ވެސް ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބްލޫ ފިޝް ދޯނީގެ ޚަބަރެއް ނުވެގެން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި މި ދޯނި ގެއްލިގެން ހޯދަމުންދާ ކަމުގެ މަޢުލޫމާތު އަވަށްޓެރ އިންޑިއާ އާއި ސްރީލަންކާއާ ޙިއްސާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ވިދާޅުވެއެވެ.