ތަރައްްޤީ

ވީއައިއޭގެ އައު ރަންވޭގެ އަމަލީ މަސައްކަތް މާދަމާ ފަށްޓަވަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަދާ އައު ރަންވޭގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން މާދަމާ ފަށްޓަވާނެެއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހެދުމުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނީ އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢުގެ މަސައްކަތުގެ ދަށުން އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރައްވާ، ޤައުމުގެ ތަރައްޤީއަށް މިވަގުތު ސަރުކާރުން ހިންގަވާ އެންމެ މުހިއްމު އެއް މަޝްރޫޢުއެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން ހިންގަވާ މިމަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރުމިނުގައި ކުރައްވާ މަސައްކަތަކީ އެއާރޕޯޓުގައި ހަދާ އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ގަލްފް ކޮބްލާ" އާ ޙަވާލުކުރައްވައިގެނެވެ.

ރަންވޭ ހެދުމަށް ބޭނުންވާ ފައިސާ ޗައިނާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި މިހާރު ބޭނުންކުރަނީ 75 ފޫޓު ފުޅާ، 3000 ފޫޓު ދިގު ރަންވޭއެކެވެ. އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ހަދާ ރަންވޭއަކީ ދިގުމިނުގައި 3400 މީޓަރު، އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ. މި ރަންވޭ ތަރައްޤީ ކުރައްވަނީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓް އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށް ޖެއްސޭ ފެންވަރަށެވެ.

އައު ރަންވޭ ހެދުމަށް ހަމަޖެހިފައިވަނީ ހުޅުލޭގައި މިހާރު އޮތް ރަންވޭގެ އިރަށްވާގޮތަށެވެ. އައު ރަންވޭގެ މަސައްކަތް ނިމި، ކުރިން ބޭނުންކުރަމުންއައި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެގޮތުން ރަންވޭއަށް ބޯޓު ފަހަރު ޖައްސަން ޖާގަ ނުލިބުމާއި، ފްލައިޓް ޑިލޭވުމުގެ މައްސަލައާއި، އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އައު ރަންވޭއާއެކު އިތުރު ޓެކްސީވޭތަކާއި، އޭޕްރަންތައްވެސް ތަރައްޤީކުރެވޭނެއެވެ. އައު ރަންވޭގެ ޢަމަލީ މަސައްކަތް ފަށާތާ، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަކީ އެމް.އެސް.ސީ.އެލްގެ އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.

އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައި އައު ރަންވޭއެއް ހެދުމުގެ އިތުރުން ހިންގެވުމަށް ހަމަޖެހިފައިވާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި، ޒަމާނީ ފެންވަރުގެ ކާގޯ ކޮމްޕްލެކްސެއް އެޅުމާއި، ފިއުލް ފާރމެއް ތަރައްޤީކުރެއްވުމާއި، އެއާރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލާއި ޑޮމެސްޓިކް، ޓަރމިނަލް ތަރައްޤީކުރެއްވުން ހިމެނެއެވެ.

މި މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަމާއި، ގުޅިފައިވާ އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ. އެގޮތުން މުޅި މިމަޝްރޫޢު ނިމިގެންދާއިރު، އެއަރޕޯޓުން އެކަނިވެސް އިތުރު 3000 ވަޒީފާ އުފެއްދިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް %30 ގެ ޖާގަ އިތުރުކޮށް، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެއެވެ.