ރިޕޯޓް

އެތައް ހާސް އަންހެނުން "މެޑަމް" އާއެކު - ތަފާތު މަންޒަރެއް!


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޢާއްމުންގެ ނަމުންނަމަ "މެޑަމް ފާތުން" އިސްނަންގަވައިގެން "ހީވާގި ކަނބަލުން"ގެ ނަމުގައި މިރޭ ދަރުބާރުގޭގައި ފެށްޓެވި އަންހެނުންގެ މައުރަޒު ހުޅުވުމުގެ ރަސްމިޔާތު ފެނުނީ ވަރަށް އާދައާއި ޚިލާފު ހަރަކާތެއްގެގޮތުގައެވެ.

އެތައްހާސް އަންހެނުން މި ރަސްމިޔާތުގައި ބައިވެރިވީއިރު، ރަސްމިޔާތުގެ ކަންކަން އިންތިޒާމުކޮށް ރޭވުމާއި، ރަސްމިޔާތު ހުށަހެޅުންފަދަ އެންމެހާ ކަމެއްގައިވެސް ފެނުނީ ހުސް އަންހެނުންނެވެ. މުޅި އިވެންޓުންވެސް ފިރިހެން ބޭފުޅަކަށް ފެނުނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދެވެ.

img:http://s1.psmnews.mv/images/660x400/14878674378214.jpg|ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިރޭގެ ރަސްމިޔާތުގައި - ފޮޓޯ: ޕީއެސްއެމް

މިޖަލްސާއަށް ދަޢުވަތު އަރުވާފައިވަނީވެސް މުޅިންހެން އަންހެނުންނަށްކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. ތަފާތު އެކި ހެދުންތަކާއި ގަހަނާތަކުން ޒީނަތްތެރިވެގެން މިޖަލްސާއަށް ދިއުމަށް ވޭތުވެދިޔަ ދެތިންދުވަހު އެތައްހާސް އަންހެނުން އަވަދިނެތި އުޅުނެވެ. ހެދުންފެހުމާއި، ގަހަނާއާއި ޒީނަތްތެރިވުމުގެ ސާމާނު ގަތުމުގައި އެމީހުން އުޅުނީ ވަރަށްފޯރީގައެވެ.  

ކޮންމެއަކަސް މިރަސްމިޔާތު ފެށެން ގަޑިއެއްހާއިރަށް ވީއިރު، ދަރުބާރުގެ ހިމެނޭ ސަރަޙައްދު އޮތީ ޖަލްސާއަށް ޙާޒިރުވި އެތައްހާސް އަންހެނުންނާއެކު ތޮއްޖެހިފައެވެ. ރަސްމިޔާތަށް ޙާޒިރުވީ މުޅިންވެސް އަންހެނުންކަމަށްވެފައި ރަސްމިޔާތުގައި ބޭއްވި އެންމެހައި ޙަރަކާތްތަކުގައިވެސް ބައިވެރިވެފައިވަނީ މުޅިންވެސް އަންހެނުންނެވެ.

img:http://s3.psmnews.mv/images/660x400/14878674814223.jpg|މިރޭގެ ރަސްމިޔާތުގައި ހުށަހެޅި އައިޓަމެއް - ފޮޓޯ: ޕީއެސްއެމް

މިއީ މިހާތަނަށް ރާއްޖޭގައި މިހާ ގިނަޢަދަދެއްގެ އަންހެނުން ބައިވެރިވި މިފަދަ ރަސްމިޔާތުކަމަށްވެއެވެ. މިރަސްމިޔާތުގައި ޖުމުލަ 7000 އަށްވުރެ ގިނަ އަންހެނުން ބައިވެރިވެފައިވެއެވެ.

އަންހެނުންގެ މި އާދައާއިޚިލާފު މަންޒަރު ފެނުނުއިރު، މިއަދަކީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި އެހެންގޮތަކުވެސް ތާރީޚީ ދުވަހެކެވެ.

މިއަދަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، ތަޞްދީޤުކުރެއްވި ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒްކުރަންފެށްޓެވިދުވަހެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސެއްގެ މީހަކަށްވީތީ ކުރެވޭ ތަފާތުތައް ނައްތާލެއްވުމުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަން ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ ޤާނޫނެކެވެ.

މި ޤާނޫނުގައި ޖެންޑަރ އީކުއަލިޓީކަމަށް ބަޔާންކޮށްފައިވަނީ، އަންހެނުންނަށާއި ފިރިހެނުންނަށް ފުރުޞަތު ލިބުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކަށް ވާޞިލްވުމުގެ ހަމަހަމަކަމަށާއި ފުރުޞަތުތަކުން ނަތީޖާ ޙާޞިލްކުރުމުގެ ހަމަހަމަކަމަށާއި ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަމަށެވެ. އަންހެނަކަށްވީތީ ނުވަތަ ފިރިހެނަކަށްވީތީ، އެއްވެސް މީހަކާމެދު ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް ތަފާތު ކުރުމަކީ މަނާކަމެއް ކަމަށް މި ޤާނޫނުގައި ބަޔާންކުރައްވާފައިވެއެވެ.

މި ޤާނޫނު ތަންފީޒުކުރެއްވުމުގެ އިތުރުންވެސް މިއަދުގެ ސަރުކާރުން ދަނީ އަންހެނުން ބާރުވެރިކުރުވަން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގޭގައި ތިބެގެން އަންހެނުންނަށް ވަޒީފާއަދާކުރެވޭނެ ފުރުސަތާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އަންހެނުން ބާރުވެރިކުރުވަން ކުރައްވާ މަސައްކަތްތައްތައް ފާހަގަކުރެވެއެވެ.

އަދި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކާއި، އެފެންވަރުގެ އިސްމަޤާމުތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ %30 ބޭފުޅުންނަނީ އަންހެނުންކަމަށް ހެއްދެވުމަކީ ރައީސްޔާމީންގެ އަމާޒެކެވެ.