ތަރައްްޤީ

ބްރިޖަށް އެރުމުން ކުރެވޭ އިޙުސާސް މުޅިން ތަފާތު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ނިމެނޭ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު ބްރިޖަށް އަރާލުމުން ފެންނަނީ ބްރިޖު ނިންމުމަށް ހަލުވިކަމާއިއެކު މަސައްކަތް ކުރަމުންދާތަންނެވެ. 

ރާއްޖޭގެ އިޤްތިޞާދު އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި، ޤައުމަށް އަންނަމުންދާ ތަރައްޤީ އެންމެ ރަނގަޅަށް ދައްކުވައިދޭ އެއް މަޝްރޫޢަކީ މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާއިންވެސް ރާއްޖޭގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އަދި އެންމެ ތަފާތު އެއް މަސައްކަތެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިތާ މިހާރު މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތްތައްކަމުގައި ބެލެވޭ ކަނޑުއަޑީގައި ތޮރުފަންޖެހޭ ބޯ-ހޯލްތައް ތޮރުފުމާއި، ކަނޑުގެ އަޑިއަށް ޖަހަންޖެހޭ ހޮޅިތައް ޖެހުމާއި، ފައުންޑޭޝަނަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފުރިހަމަކޮށްފައެވެ. އަދި މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދާފައެވެ.

img:http://s3.psmnews.mv/images/660x400/14876000537138.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

މާލޭގައި ހުރެ ބާލާބެލުމަށް ބުރިޖްގެ މަސައްކަތް މަޑުޖެހިފައިވާހެން ހީވިނަމަވެސް ބްރިޖަށް އަރާ ބަލާލުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ދިވެހިންގެ އުއްމީދާއި ގުޅީފައިވާ މި ބްރިޖްގެ އެންމެ އުދަނގޫ ބޮޑެތި މަސައްކަތްތައްވަނީ ނިމުމަކަށް އައިސްފައެވެ. މިގޮތުން މެއިން ބްރިޖަށް ބޭނުންވާ 35 ތަނބުގެ ތެރެއިން 22 ތަނބުގެ މަސައްކަތް އެއްކޮށް ނިންމާފައިވާއިރު އެޕްރޯޗް ބްރިޖުގައި ހިމެނޭ 88 ތަނބުގެ ތެރެއިން 40 ތަނބަކަށް ކޮންކްރީޓްއަޅެމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. 

"އެއްވެސް ކަހަލަ މަޑުޖެހުމެއް މަސައްކަތަކަށް ނާދޭ.. ޝެޑިއުލްގައި އޮތްގޮތަށް ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ކުރިއަށްދަނީ.. މިހާރު މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު، މެއިން ބްރިޖާއި، އެޕްރޯޗް ބްރިޖުގެ ތަނބުތަކުގެ ހުރިހާ ކޮންކްރީޓް މަސައްކަތެއް މިއަހަރުގެ މެއިމަހުގެ ނިޔަލަށް ނިންމާލެވޭނެ. އަދި ކޮންކްރީޓްކޮށްފައި ތަނބުތަކުގެ ކެޕިން އެޅުމުގެ މަސައްކަތްވެސް އޯގަސްޓް މަސް ނިމެންވާއިރަށް ނިންމާލެވޭނެ... އޭރުން ދެން އޮންނާނީ މެއިން ބްރިޖުގެ ވީ-ޕިއަރ ހަރުކުރުމާއި، ސުޕަރ ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތް" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14876001674477.jpg|ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ބްރިޖުގެ މަސައްކަތާ ގުޅޭ / ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބްރިޖްގެ މަސައްކަތާއެކު ބްރިޖާއި ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާ ހުޅުލޭގައިވެސް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ބްރިޖް ނިމޭއިރު މާލޭ ލޮނުޒިޔާރާތްކޮޅަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ހަމަ އެހެންމެ ބްރިޖުގައި ދަތުރުފަތުރު ކުރުމަށް އެކްސްޕްރެސް ބަހުގެ ޙިދުމަތް ފެއްޓެވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

"ބްރިޖްގެ އެންމެ މުހިއްމު އެއް ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި މާލެއިން ހުޅުލެއަށް އަދި ހުޅުމާލެއަށް ދަތުރުކުރެވޭނެ ގޮތެއް ހެދުން. އެހެންވީމަ އެފެކްޓިވް، ރަނގަޅު ބަހުގެ ނިޒާމެއް، ބާރު ސްޕީޑުގައި ދުއްވޭ އެކްސްޕްރެސް ބަހުގެ ނިޒާމެއް ސަރުކާރުގެ ވިސްނުމެއް.." ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ ބްރިޖުގެ މެއިން ބްރިޖާއި، އެޕްރޯޗް ބްރިޖްގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނައިރު، ބްރިޖްގެ މަސައްކަތް އިތުރަށް ހަލުވިކުރެއްވުމުގެ ގޮތުން ބްރިޖަށް ބޭނުންވާ ސުޕަރ ސްޓްރަކްޗަރ ޗައިނާގައި ހެދުމަށްފަހު، ރާއްޖެ ގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ބްރިޖްގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމަވާލެއްވުމެވެ.