ތަރައްްޤީ

އައްޑޫސިޓީގެ 5 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމު ކުރަނީ


އައްޑޫސިޓީގެ 5 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމު ކުރެއްވުމަށްޓަކައި ދެކުންފުންޏަކާއި ޙަވާލުކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ޝީ ބިލްޑިންގގައި ބޭއްވެވި ޙާއްޞަ ރަސްމިޔާތެއްގައި ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމަށް ޙަވާލުކުރެއްވި އައްޑޫ ސިޓީގެ 5 ރަށަކީ މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ، ހުޅޫދޫ އަދި މީދޫއެވެ. މި 5 ރަށުގެ ތެރެއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ - އެމްޓީސީސީއާއި ޙަވާލު ކުރައްވާފައިވަނީ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތެވެ. މި މަސައްކަތަށް 130،650،218 (ސަތޭކަ ތިރީސް މިލިއަން ހަސަތޭކަ ފަންސާސްހާސް ދުއިސައްތަ އަށާރަ) ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމް ކުރައްވާނެއެވެ. އަދި 3387 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓެވުމަށް ހަމަޖައްސަވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14872376910244.jpg|އައްޑޫސިޓީގެ 5 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމު ކުރެއްވުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ ހުޅުދޫއާއި، މީދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ 2 ރަށުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް 113,916,899 (ސަތޭކަ ތޭރަ މިލިއަން ނުވަސަތޭކަ ސޯޅަހާސް އަށްސަތޭކަ ނުވަދިހަ ނުވަ) ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއަދު ބޭއްވި މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ އައްޑޫ ސިޓީގައި މިހާތަނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ޤާއިމްކުރެވިފައި ނުވާކަމަށެވެ.