ތަރައްްޤީ

"ރައީސްގެ އިޤްތިޞާދީ ސިޔާސަތު ޞަރަހައްދީ ޤައުމުތަކުން ބަލައިގަނޭ"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޒުވާނުންނަށް ގެންގުޅޭ ޚާއްޞަ ސިޔާސަތަކީ ސަރަޙައްދީ ޤައުމުތަކުން މިއަދު ބަލައިގެންފައިވާ ސިޔާސަތުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެގާރަހާސް މެމްބަރުން ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރަޙައްދީ ޤައުމުތަކުގެ ވެރިންގެ މަންދޫބުންގެ ގޮތުގައި ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރައްވާ ބޭފުޅުންވެސް ރައީސްގެ ޒުވާނުންގެ ސިޔާސަތަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.

"ޒުވާނުން މެއިންސްޓްރީމް ކުރުމަކީ ހާދަހާ މުހިއްމު ކަމެކޭ. ސަސްޓެއިންބަލް ޑިވެލޮޕްމަންޓް އޭ ކިޔައިގެން ގްރީން ޕޯސްޓަރ އެއްގެ ފަހަތުގައި ތަންތަން ހަލާކު ކުރައްވަމުން ދިއުމަކީ އެއްވެސް ޙާލެއްގައި ސަސްޓެއިންބަލް ޑިވެލޮޕްމަންޓް އެއް ނޫން،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވަމުން އަންނަ ތަރައްޤީގެ ހެޔޮ ނަތިޖާ އިންތިޚާބުތަކުން ފެންނާނެކަމަށް ވިދާޅުވިއެވެ. އިންތިޚާބުތަކުގައި ރައީސް ޔާމީން ހޯއްދަވާނެ ކާމިޔާބީތައް ރައްޖޭގައި ތިއްބެވި ސިޔާސީ އެހެން ލީޑަރުންނަށް ނުހޯއްދެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"މިކަމެއް ނުވާނެ ރައީސް ނަޝީދުގެ ވެރިކަމުގައެއް. މިކަމެއް ނުކުރެވޭނެ ރާއްޖޭގައި އޮތް އެއްވެސް ކުޑަ ޕާޓީއަކަށް. ރައީސް މައުމޫނަކަށްވެސް. މިކަން ކުރެވޭނީ ހަމައެކަނި ރައީސް ޔާމީނަށް،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.