ތިމާވެށި

ވާރޭފެން ރައްކާކުރުމުގެ ނިޒާމާއިގުޅޭ ސާރވޭ ނިންމަވާލައްވައިފި


ކުދި އާބާދީތަކަށް އަމާޒުކުރައްވައިގެން ފެށްޓެވުމަށް ހަމަޖެހިފައިވާ، ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމްކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށް ކުރެއްވި ސާރވޭ ނިންމަވާލައްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ރައްކާތެރި، ސާފު ބޯފެން ލިބިދެއްވުމާއެކު، ހޫނު މޫސުމުގައި ފެނަށްޖެހޭ މައްސަލަ ޙައްލުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ރާއްޖޭގެ ރަށްރަށުގައި ފެނަށްޖެހުމުގެ މައްސަލަ ޢާއްމުކޮށް ދިމާވަމުންދެއެވެ. އެންވަޔަރްމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް ހޫނު މޫސުމުގައި ފެނަށް އެދި ރާއްޖޭގެ 65 ރަށަކުން އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައަށް ހައްލެއް ހޯއްދަވާ ދެއްވުމުގެ މަޤްޞަދުގައި ކުދި އާބާދީތަކަށް އަމާޒުކުރައްވައިގެން ވާރޭ ފެން ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢެއްގެ މަސައްކަތް އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ ފަށްޓަވާފައެވެ. އދ. ގެ "ގްރީން ކްލައިމެޓް ފަންޑުން" ކުރިއަށްގެންދާ މަޝްރޫޢުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 45 ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމް ޤާއިމު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ފައްޓަވާ ވާރޭފެން ނަގާ ރައްކާކުރުމުގެ މަޝްރޫޢު އަމާޒުކުރެވިފައިވާ 45 ރަށުގެ ތެރެއިން، 44 ރަށަކީ އާބަދީގައި ދެހާސް މީހުން ހަމަނުވާ ރަށްރަށެވެ. މި މަޝްރޫޢުގެ ފައިދާ، މި ރަށްތަކުގައި ދިރިއުޅޭ ތިރީސްފަސްހާހެއްހާ މީހުންނަށް ކުރާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ވާރޭފެން ރައްކާކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ހަދަންޖެހޭ ސާރވޭގެ މަސައްކަތްތައް ނިމި އީ.އައި.އޭ ހަދާ ނިމިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މަޝްރޫޢުގެ ޑިޒައިނިން ކުރުމަށް ކުރަންޖެހޭ ފުރަތަމަ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މަސައްކަތުގެ ބިޑް އިވެލުއޭޝަން މަސައްކަތް ނިންމާ، މިމަހުގެތެރޭގައި އެވޯޑްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ގްރީން ކްލައިމެޓް ފަންޑުން މި މަޝްރޫޢަށް 23.6 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެއްވުމަށް ހަމަޖެހިފައިވަނީ 4.5 މިލިއަން ޑޮލަރެވެ. އަދި ޔޫ.އެން.ޑީ.ޕީ އިން ސަތޭކަހާސް ޑޮލަރުގެ ހިލޭ އެހީ މި މަޝްރޫޢަށް ދީފައިވެއެވެ.