ކ. ތުލުސްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައިފިއެވެ.
މިމަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ހަނދަނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.
ސަރުކާރުން ވަނީ ތުލުސްދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކޮށްދެއްވައި، ސިނާޢީ މަސައްކަތްތަކަށް އެށީގެންވާ ބިންތައް ދޫކުރެއްވުމަށް އެރަށުން 33 ހެކްޓަރުގެ ބިން ހިއްކަވާފައެވެ.
ކުރިން ބޮޑުމިނުގައި 35 ހެކްޓަރު ހުންނަ ތުލުސްދޫގައި އަލަށް ހިއްކެވި 33 ހެކްޓަރުގެ ބިމާއެކު މިހާރުގެ ބޮޑު މިނަކީ، 68 ހެކްޓަރެވެ.
ބޮސްކާލިސް ކުންފުންޏާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުން ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމަށް 1650 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.
ސަރުކާރުން ޚަރަދުކުރައްވައިގެން ތުލުސްދޫ ބިން ހިއްކުމާއި، ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢަށް 8.5 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.
މިއާއެކު އެ ބިން އެކަށީގެންވާ ގޮތުގައި ބޭނުންކުރެއްވުމަށާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް ބޮޑު ހިލަޖަހައި ރަނގަޅު ފެންވަރުގެ އެއްގަމުތޮއްޓެއްވެސް މިހާރުވަނީ ލާފައެވެ. އެއްތިރީސް ޕޮއިންޓް ދޭއް މިލިއަން ރުފިޔާއަށް އެމް.ޓީ ހޯގާރޑާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ގޯތި ދޫކުރުމުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި އިޖްތިމާޢީ ބައެއް ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ބިން ކަނޑައަޅާފައިވާ ކަމަށް ތުލުސްދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި ފަތުރުވެރިކަމަށް ޚާއްޞަ ދެ ސަރަޙައްދެއް އަލަށް ހިއްކި ބިމުގައި ހިމަނުއްވާފައިވާކަމަށްވެސް ތުލުސްދޫ ކައުންސިލުން ވިދާޅުވެއެވެ.
އާބާދީގައި ސާދަސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުލުސްދޫއަށް ސަރުކާރުން ވަނީ، މީހުން ދިރިއުޅެން ފަހި ރަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދެއްވުމުގެ ސިޔާސަތުގެ ދަށުން ޅ.މާފިލާފުށީގެ މީހުންވެސް ބަދަލުކޮށްފައެވެ.