ތަރައްްޤީ

ނަރުދޫ އައު މިސްކިތް މިއަހަރުގެ ރޯދަމަހަށް ނިންމަނީ


ށ. ނަރުދޫގައި ބިނާކުރައްވާ އައު މިސްކިތުގެ މަސައްކަތް މިއަހަރުގެ ރަމަޟާންމަހުގެ ނިޔަލަށް ނިންމަވައި، މިސްކިތް ބޭނުންކުރަން ފެށޭވަރުވާނެކަމަށް ނަރުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ނަރުދޫގައި ބިނާކުރައްވާ މި މިސްކިތަކީ ތިންސަތޭކައަށްވުރެ ގިނަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ އަލިފުޅު ތުއްތު ފައުންޑޭޝަނުން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެން، ބިނާކުރާ މިސްކިތެކެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނަރުދޫ ކައުންސިލްގެ ނާއިބު ރައީސް ޢަބްދުﷲ ޢަޒުމީ ވިދާޅުވީ، އެރަށުގައި ބިނާކުރައްވާ މިސްކިތުގެ %35 މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރ ހާމަކުރައްވާފައިވާކަމަށެވެ. 

އަދި މިސްކިތަށް ބޭނުންވާ ކޮންކްރީޓް މަސައްކަތާއި، މިސްކިތް ހިޔާކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރަމުންދަނީ މިސްކިތުގެ ވަށައިފާރު ރޭނުމާއި، ފިނިޝިންގެ މަސައްކަތްކަމަށްވެސް ޢަޒުމީ ވިދާޅުވިއެވެ. 

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެތެރޭގައެވެ. ށ.ނަރުދޫއަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.