ތަރައްްޤީ

އިޞްލާހް ކުރުމަށްފަހު ކައުންސިލަރުންގެ ޝަރުތުތައް ކަނޑައަޅައިފި


ކައުންސިލަރުންގެ ޝަރުތުތައް ކަނޑައެޅުއްވުމަށް ލޯކަލްކައުންސިލްތަކުގެ ޤާނޫނަށް ހުށަހެޅުއްވި ބިލުގެ ބައެއްމާއްދާތައް އުނިކޮށް އެ ބިލް ދިރާސާކުރެއްވި، ޤައުމީސަލާމަތު ކޮމެޓީން ފާސްކުރައްވައިފިއެވެ.

ކޮމެޓީމަރުޙަލާގައި ބިލަށް ގެންނެވި އިޞްލާހުތަކާއި އެކު ކޮމެޓީން ބިލް ފާސްކުރެއްވީ، ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ކޮމެޓީ މަރުޙަލާގައި އިޞްލާހް ގެންނެވި މާއްދާތަކާއި އުވާލެއްވި ނަންބަރުތައް:

* ކުޑަކުއްޖަކާއިމެދު ބަދު އަޙްލާޤީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަންފޭރިގަތްކަން ޝަރީއަތަށް ސާބިތުބެފައިވާ ނަންބަރު އުވާލުން.

* މަސްތުވާތަކެތީގެކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއްކޮށްފައިވާނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ 7 އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމެއް ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 އަހަރު ފާއިތުވެފައިވުންކަމަށް ބަޔާންކުރައްވާފައިވާ ނަންބަރު އުވާލުން.

* ބާރަމަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ކައުންސިލް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާ އިޞްލާޙް ކުރެއްވުން. މި މާއްދާއަށް ގެންނަވާފައިވާ އިޞްލާހުގައި މިހާރު ބުނެފައި ވަނީ ކައުންސިލަށް ކުރިމަތިލާ މީހަކީ ޖިނާޢީކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކުކަމުގައި ވެގެންނުވާނެ ކަމަށެވެ.

ޢަލީ މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި މި އިޞްލާހުގައި ވިދާޅުވެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ އިޞްލާޙްގައި ވިދާޅުވެފައި ވަނީ އެއްވެސް ޖިނާޢީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވެފައިވާން ޖެހޭނެ ކަމަށް. ނުވަތަ އެ ޙުކުމަށް ކަނޑައެޅުނު ޢަދަބު މަޢާފުކޮށްދެވުނުތާ ދެއަހަރު ފާއިތުވެފައިވާ މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށް އިޞްލާޙުގައި ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް އިޞްލާޙް ހުށަހެޅުއްވިއިރު މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުގައި އެއިން އެއްވެސް ކަމެއް ބަޔާން ކޮށްފައެއްނުވެއެވެ.

ކައުންސިލްތަކުގެ ޤާނޫނަށް ޢަލީ މުޙައްމަދު ހުށަހެޅުއްވި އިޞްލާޙުގައި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތަކަށްވީތާ 5 އަހަރުވެފައިވާ ބޭރު މީހަކަށްވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރެވިދާނެ ކަމަށެވެ. މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުގައިވަނީ ދިވެހި ރައްޔިތަކަށްވެފައިވާ އެހެންގައުމެއްގެ ރައްޔިތަކަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނީ ދިވެހި ރައްޔިތަކަށްވިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވުމާ އެކު ރާއްޖޭގައި ދިރިއުޅެމުންދާނަމަ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ކައުންސިލްތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް ބަޔާންކޮށްފައިވާ މާއްދާއަށް އިޞްލާޙް ހުށަހެޅުއްވިއިރު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.