ތަރައްްޤީ

އެމްއާރުޑީސީން ސޯޝަލް ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް ފަށަނީ


ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވާ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކުގައި އެންމެ މުހިއްމު ޙިއްޞާއެއް އަދާކުރާ އެއް ކުންފުންޏަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރް.ޑީ.ސީއެވެ. އެކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންޓްރެކްޓް އުޞޫލުން ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި 20 މަޝްރޫޢެއް ހިންގަމުންނެވެ. މީގެތެރޭގައި ޕާކުތައް ތަރައްޤީކުރުމާއި 14 ރަށެއްގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްސަލް ދަނޑު ހެދުމުގެ 67 މަޝްރޫޢު ދަނީ ހިންގަމުންނެވެ. ހަމައެހެންމެ އެކުންފުނިން އަންނަނީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު ޚިދުމަތްތަކެއްވެސް ދެމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އެމް.އާރު.ޑީ.ސީއަކީ ހަމައެކަނި މަގުހެދުމާއި ގަލުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް، އިތުރު ދާއިރާތަކުން ވިޔަފާރި ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީވެސް އެމް.އާރު.ޑީ.ސީއަކީ ބޮޑަށް ލޭންޑް ޑިވެލޮޕްމަންޓް މަސައްކަތްކުރާ ކުންފުންޏެއްގެގޮތުގައި ތަރައްޤީކުރުން. އެގޮތުން ރަށްރަށުގައި އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކީ މަގުތައް ހެދުމުގެ މަސައްކަތް. މަގުތައް ހެދުމުގެ އިތުރުން އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ފަށާނަން ހައުސިންގގެ މަސައްކަތްތައް. ރަށްރަށުގައި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތައް ހޯދައިގެން، އެ މަސައްކަތްތައް ފެށުމަށް އަޅުގަނޑުމެން މިހާރު މިއަންނަނީ ތައްޔާރުވަމުން" އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14840595472829.jpg|އެމްއާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާޤު ހަލީމް ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވީ، މީގެ ކުރިން އެކުންފުނީގެ މެންޑޭޓުގައިވެސް މައިގަނޑުގޮތެއްގައި އޮންނަނީ މަގުހެދުމުގެ މަޝްރޫޢުތައް ހިންގުންކަމަށް ނަމަވެސް ސަރުކާރުގެ އެހީތެރިކަމާއެކު އެކުންފުނީގެ މެންޑޭޓު މިހާރު އިތުރަށް ފުޅާކޮށްފައިވާ ކަމަށާއި، 2017 ވަނަ އަހަރަކީ، އެކުންފުންޏަށް ވަރަށް އުއްމީދީ އަހަރަކަށް ވާނެކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހައުސިންގގެ މަސައްކަތްތަކާއި، ލޭންޑް ސްކޭޕިންނާއި، ކުނީގެ މަސައްކަތްތަކާއި، ހަމައެގޮތަށް ރެޒިޑެންޝަލް ބިލްޑިންގތައް އިމާރާތްކުރުމާއި، ނެބަރހުޑް އިމާރާތްކުރުމާއި، އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެހެނިހެން އިމަރާތްތަކުގެ މަސައްކަތް ކުރުންވެސް އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި މިހާރު އެބަހިމެނޭ. އެހެންކަމުން މި އަހަރަކީ އެމް.އާރ.ޑީ.ސީއަށް ވަރަށްވެސް އުއްމީދީ އަހަރެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ" އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. 

އެމް.އާރު.ޑީ.ސީގެ ފަރާތުން އަތޮޅުތަކުގައި މިހާރު ކޮންޓްރެކްޓް އުޞޫލުން ކުރިޔަށްގެންދާ ހުރިހާ މަޝްރޫޢެއް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަކީ އެކުންފުނީގެ އަމާޒެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި، އެކުންފުނީގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރުކޮށް، އައު ވެހިކަލްތައް ހޯދުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 88 ވެހިކަލެއް އެކުންފުނީގެ ފްލީޓަށް ދާދިފަހުން ވަނީ އިތުރުކޮށްފައެވެ.