ތަރައްްޤީ

ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމެވުމަކީ އަމާޒެއް - ރައީސް


ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ރިޔާސީ ވަޢުދުތައް ފުއްދައިދެއްވުމަށް އަވަސްދުވެލީގައި ތަރައްޤީގެ މަސައްކަތްތައް ކުރެއްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެންދިޔައިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެތަކެއް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމިފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14863706347983.jpg|ރައީސުލްޖުމްހޫރިއްޔާ 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަނީ- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިދިޔަ އަހަރަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ފުއްދައިދިނުމުގައި ސަރުކާރަށް ވަރަށް ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކުރެއްވި އަހަރެއްކަމަށެވެ. އަދި ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ތަރައްޤީގެ މަސައްކަތްތައް ހިނގާފައި ނުވާހާ ހަލުވި މިނެއްގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިނގާދިޔަ އަހަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިޖްތިމާޢީގޮތުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގެދޮރުވެރިކަމުގެ ދަތިކަންކަމަށް ވުމާއެކު، މިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މިގޮތުން ހުޅުމާލޭ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ރައީސް ދެއްވި ބަޔާނުގައި ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ހައުސިންގ ޔުނިޓްތަކެއްގެ ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށާއި، ބިމުގެ މުއްސަނދިކަން އިތުރުކުރެއްވުމަށްޓަކައިވެސް މުހިއްމު މަޝްރޫޢުތަކެއް ހިންގެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14722856618894.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފައިލް ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ށ. ކޮމަންޑޫ، ރ. މަޑުއްވަރި، ބ.އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫސިޓީ ފޭދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 600 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ. ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި 4 ރަށެއްގެ ބިން ހިއްކައި، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި. އަދި އިތުރު 3 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު މިހާރުވަނީ ފަށާފައި" ރައީސް ޔާމީން ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވުން ރައީސް ޔާމީން ވިދާޅުވީ، 2016 ވަނަ އަހަރު 21 ރަށެއްގައި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަވާފައިވާކަމަށެވެ. އަދި 8 ރަށެއްގެ ޢަމަލީ މަސައްކަތް ނިމިފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި 46 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދަވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފެނުގެ ނިޒާމް ޤާއިމުކޮށްދެއްވުމުގެ 28 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14722856618894.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފައިލް ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"2016 ވަނަ އަހަރު 40 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ގެންދެވުނު. އަދި މިއަހަރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކޮށްދިނުމުގެ 28 މަޝްރޫޢެއް، އެކި މަރުޙަލާގައި ކުރިއަށްގެންދާނެ. މީގެތެރެއިން 19 ރަށުގެ ޑިޒައިން މަސައްކަތް ނިންމައި، 16 ރަށެއްގައިވަނީ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަރުޙަލާއަށް އާދެވިފައި. މީގެ އިތުރުން، ޢަމަލީ މަސައްކަތް ކުރިޔަށްދިޔަ 16 ރަށެއްގެ ތެރެއިން 4 ރަށެއްގެ މަސައްކަތް ވަނީ ނިމިފައި" ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، މިދިޔަ އަހަރު 13 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢު ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. އަދި 43 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދަވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.