ރިޕޯޓް

ފާސްޓްފުޑްގެ ޕެކެޖިންގ ކަރުދާހުގައި ކެމިކަލްގެ އަސަރުހުރޭ- ދިރާސާ


ފާސްޓްފުޑްގެ ބާވަތްތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކެއުމަށް ވަރަށް ގަޔާވާ ބާވަތްތަކެކެވެ. ބާރގަރ ފަދަ ކެއުންތައް ލިބެންހުންނަ ފާސްޓްފުޑް ރެސްޓޯރަންޓްތަކަށް ގޮސް، މިދަފަ ކެއުންތަކަށް އިންސާފުކުރުމަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް ޢާއްމުކަމެކެވެ. 

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިދަފަ ކެއުން ލިބެން ހުންނަ ރެސްޓޯރަންޓްތައް އަބަދުވެސް އޮންނަނީ ފުރި ބާރުވެފައެވެ. ޢާއްމުގޮތެއްގައި ރެސްޓޯރަންޓްތަކުން ލިބެން ހުންނަ ކެއުންތަކަށްވުރެ އަގުހެޔޮކޮށް ލިބެން ހުންނަ ފާސްޓްފުޑްގެ ކެއުންތަކަކީ ރަހަމީރު ކެއުންތަކެއް ނަމަވެސް އެއީ ކޮލެސްޓްރޯލްއާއި ފެޓްގެ ބާވަތްތަކުން ފުރިގެންވާ ކެއުންތަކެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. އަދި މިއީ ސިއްޙަތަށް ފައިދާހުރި ކެއުންތަކެއް ކަމަށް ނުބެލެވޭއިރު، މިކެއުންތައް ބަންދުކުރުމަށް ބޭނުންކުރާ ޕެކިންގައި ކެމިކަލްގެ އަސަރު ހުންނަކަން މިވަނީ ދިރާސާއަކުން ދައްކާފައެވެ. 

އޮންލައިން ޖާރނަލެއް ކަމަށްވާ އެންވަޔަރަމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީ ލެޓާރސްގައި ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ދިރާސާގައި ޓެސްޓްކުރި ޕެކިންގ ކަރުދާހުގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކަރުދާހުގައި، ކެމިކަލްގެ ބާވަތެއް ކަމަށްވާ ފްލޮރިން ހުރިކަމަށް ހާމަވެފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14869580613932.jpg|ލުއިކާނާތަކެއް- ފޮޓޯ: ގޫގްލް

ފާސްޓްފުޑްގެ ޚިދުމަތްދޭ އެމެރިކާގެ މަޝްހޫރު 27 ކުންފުންޏެއްގެ 400 އަށްވުރެ ގިނަ ސާމްޕަލް މިދިރާސާގައި ޓެސްޓްކޮށްފައިވާ ކަމަށްވެއެވެ. މީގެތެރެއިން %46 ޕެކިންގ ކަރުދާހުގައި ފުލޮރިން ކެމިކަލްގެ އަސަރު ހުރިކަމަށް މި ދިރާސާއިން ހާމަވެފައިވެއެވެ. 

ފާސްޓްފުޑް ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ އެކި ޕެކިންގެ ތެރެއިން، ޑެޒަރޓާއި، ބްރެޑްފަދަ ތަކެތި ޕެކްކޮށްފައި ދޭ ކަރުދާހުގެ ތެރެއިން %56 ކަރުދާހުގައި ކެމިކަލްގެ އަސަރު ހުރިއިރު، ބާރގައާއި ސޭންޑްވިޗް ފަދަ ތަކެތީގައި ބޭނުންކުރާ ކަރުދާހުގެ %38 ކަރުދާހުގައި ކެމިކަލްގެ އަސަރު ހުރިކަމަށް ދިރާސާއިން ހާމަވެފައިވެއެވެ. އަދި ޕިއްޒާއާއި، ފްރައިސް ފަދަ ތަކެތި އަޅާފައި ދޭ ފޮށީގެ ތެރެއިން %20 ފޮށީގައި ކެމިކަލްގެ އަސަރުހުރި ކަމަށް ދައްކާފައިވެއެވެ. އެހެންނަމަވެސް އެރެސްޓޯރަންޓްތަކުން ދޭ ޕޭޕަރ ކަޕްގައާއި، އެރެސްޓޯރަންޓްތަކުގައި ބޭނުންކުރާ ކޮތަޅުގައި އެއްވެސް ވަރަކަށް ކެމިކަލްގެ އަސަރު ނުހުންނަކަމަށްވެސް މިރިޕޯޓްގައި ބުނެފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14869590694588.jpg|ލުއިކާނާތަކެއް- ފޮޓޯ: ގޫގްލް

ފުލޮރިން ކެމިކަލް ނުވަތަ ޕީއެފްއޭއެސްއެސްއަކީ، ފެން ނުހިފައި، ތަތްނުލަވާ ފަދަ މާއްދާތައް ހިމެނޭގޮތުން ބައެއް ތަކެތި އުފައްދާއިރު ބޭނުންކުރާ ކެމިކަލެކެވެ. އެގޮތުން ފަރުނީޗަރާއި، ކާރޕެޓާއި، ހެދުމާއި، ރީތިވުމަށް ބޭނުންކުރާ ބާވަތްތަކުގައި މިކެމިކަލްގެ އަސަރު ހުރެއެވެ. ކާނާގެ ބާވަތްތައް ބަންދުކުރާ ޕެކެޖިންގތަކުގައިވެސް މިމާއްދާތައް ހިމެނުމަށްޓަކައި، ފުލޮރިން ކެމިކަލް ބޭނުންކުރަމުންދާތީ، ފާސްޓްފުޑް ޕެކިންގ ކަރުދާހުން ކެމިކަލްގެ އަސަރު ފެނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށް، އެމެރިކާގެ ފުޑް ސަރވިސް ޕެކެޖިންގ އިންސްޓިޓިއުޓުގެ ރައީސް ވިދާޅުވެފައިވެއެވެ. 

ކަސްޓަމަރުންނަށް ރައްކާތެރިކަމާއެކު ކާނާގެ ބާވަތްތައް ލިބިދިނުމަށްޓަކައި، ހުރިހާ ބާވަތެއްގެ ޕެކެޖިންގ ވަރަށް ފުރިހަމައަށް ޓެސްޓްކޮށް، ކާނާގެ ބާވަތްތައް ވިއްކުމުގައި ޢަމަލުކުރަންޖެހޭ ހުރިހާ ޤަވާއިދުތަކަށް ޢަމަލުކުރުމަށްފަހު ނޫނީ ބާޒާރަށް ކާނާގެ ބާވަތްތައް ނެރުމުގެ ހުއްދަ ނުދޭކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި ޢާއްމު ދިރިއުޅުމުގައި ބޭނުންކުރާ އެހެން ބާވަތްތަކުގައިވެސް މިކެމިކަލްގެ އަސަރު ހުންނަ ކަމަށާއި، އެހެންނަމަވެސް ކާނާގެ ބާވަތްތައް ޕެކްކުރުމުގައި ސީދާގޮތުން ބޭނުންކުރާ ކަރުދާހުގައި ކެމިކަލްގެ އަސަރު ހުންނަ ކަމަށް މީގެކުރިން ހެދި އެކި ދިރާސާތަކުންވެސް ކޮންމެވެސް ވަރަކަށް އެނގިފައިވާތީ، ފުލޮރިން ކެމިކަލް ނުހިމެނޭ ބާވަތުގެ ކަރުދާހުގެ އުފެއްދުންތައް މިހާރު ބައެއް ކުންފުނިތަކުން ބޭނުންކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14869582177852.jpg|ލުއިކާނާތަކެއް- ފޮޓޯ: ގޫގްލް

މިދިރާސާތަކުގައި ބައިވެރިވެވަޑައިގެންނެވި މާހިރަކު ވިދާޅުވެފައިވަނީ، ފާސްޓްފުޑް ޕެކްކުރުމަށް ބޭނުންކުރާ ކަރުދާހުގައި ހުންނަ ކެމިކަލްގެ އަސަރު ކާއެއްޗިއްސަށް ކުރާނެކަން މީގެކުރިން ހެދިފައިވާ ދިރާސާތަކުންވެސް އެނގިފައިވާ ކަމަށާއި އަދި މިފަހަރުގެ ދިރާސާއިން މިކަމުގެ އިތުރު މަޢުލޫމާތުތައް ހާމަވެފައިވާ ކަމަށެވެ. އެގޮތުން ބާރގަރއާއި ސޭންޑްވިޗް ފަދަ ތަކެތި ގަންނައިރު ހުންނަ ޓެމްޕަރޭޗަރއާއި، ބަންދުކޮށްފައި ދޭ ކަރުދާހުން އެއެއްޗެހި ނެގުމަށް ހޭދަވާ ވަގުތުގެ ތެރޭގައި ކެމިކަލްގެ އަސަރު ކާއެއްޗިއްސަށް ކުރާކަން، ބެހޭގޮތުން ކޮށްފައިވާ ދިރާސާއިން އެނގިފައިވާކަމަށް އޭނާ ބަޔާންކުރައްވާފައިވެއެވެ. އަދި ކެމިކަލްގެ އަސަރު ކުޑަކޮށް، އެކަމުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ބާރގަރ ފަދަ ތަކެތި ގަތުމަށްފަހު އަވަހަށް ޕެކިން ކަރުދާހުން ނެގުމާއި، އަދި  ޕިއްޒާއާއި، ޑެޒަރޓާއި ފްރައިސް ފަދަ ތަކެތި ބަންދުކުރުމަށް ހުންނަ ޚާއްޞަ ފޮށީގެ ބަދަލުގައި، އެރެސްޓޯރަންޓްތަކުގައި ބޭނުންކުރާ ކޮތަޅުގައި ދިނުމަށް ކަސްޓަމަރުންނަށް އެދެވިދާނެކަންވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.