ތަރައްްޤީ

ޑެންގީހުމުން ސަލާމަތް ވުމަށްޓަކައި ކުރަންވީ ކޮންކަމެއް؟


ޑެންގީ ހުމުގެ ވާހަކައަކީ އާވާހަކައަކަށް ނުވާނެއެވެ. ޑެންގީ ޖައްސާ މަދިރިއަކީވެސް ދިވެހިންނަކަށް އާ އެއްޗެއްނޫނެވެ. އެހެންނަމަވެސް މަދިރިން ސަލާމަތްވާނެ ގޮތާއި، މަދިރި އުފެދެން މެދުވެރިވާ ބައެއް ސަބަބުތައް އެނގޭ މީހުން މަދެވެ. ނުވަތަ އެކަމަށްދޭ ސަމާލުކަން ކުޑައެވެ. 

ދަންނަވަން މިއުޅެނީ ވަރަށް އާދައިގެ އެހެންނަމަވެސް އަޅުގަނޑުމެންނަށްކުރެވޭ ނުރައްކާތެރިކަމެއްގެ ވާހަކައެވެ. އޭގެސަބަބުން ޑެންގީއާއި އެނޫންވެސް މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ނޭނގިތިބެ މަގުފަހިކުރުވޭ ކަމެއްގެ ވާހަކައެވެ. ލުއިކާނާ، މެޓާ، ސުޕާރީފަދަ ޢާއްމުކޮށް ބޭނުންކުރާ ބައެއް ލުއިކާނާއާއި އެފަތަ ތަކެތި ބޭނުންކުރުމަށްފަހު އޭގެ ބޭރު އުރަ އެއްލާލަނީ ކޮންތާކަށްތޯއެވެ؟ ރައްކާތެރިގޮތުގައި އެނައްތާލަނީ ކިތައްމީހުންތޯއެވެ؟ ޖެހުނު ކޮންމެތަނަކަށް އެ އުރަގަނޑު އެއްލާލަނީ ކިތައްމީހުންތޯއެވެ؟ 

ކުޑަކަމަކުން ބޮޑު ނުރައްކަލެއް!

މި ކުޑަކުޑަ އުރަގަނޑު ނުވަތަ ކަރުދާސް ކޮޅުގެ ތެރެގައި ހަރުލާނީ ވަރަށްކުޑަކުޑަ ފެންފޮދެކެވެ. އަދި އެއަށް ތިރިކޮށް ބިސްއަޅާނީވެސް ވަރަށްކުޑަކުޑަ މަދިރިއެކެވެ. އެމަދިރީގެ ސަބަބުން އާލާވެ އިތުރުވެގެންދަނީވެސް ކުދިމަދިރިތަކެކެވެ. އެހެންނަމަވެސް އޭގެސަބަބުން ފެތުރެނީ ނުރައްކާތެރި ޑެންގީއާއި އެނޫންވެސް ބޮޑެތި ބަލިތަކެވެ. އޭގެސަބަބުން މީހުންގެ ފުރާނައަށްނުރައްކާވެ، އުފެދެނީ ޤައުމީ ބޮޑު މައްސަލައެކެވެ. 

ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މަދިރި ފަނި އުފެދެން ބޭނުންވަނީ ބޮޑު ތާނގީއެއްގެ ފެން ނޫންކަމެވެ. މަދިރި ފަނި ނުވަތަ ޑެންގީ ޖައްސާ އީޑީސް މަދިރީގެ ފަނި އުފެދެން ބޭނުންވަނީ މަދު ސާފު ފެންފޮދެކެވެ. މި ގޮތަށް ހުންނަ ސާފު ފެންފޮދުގައި  5 ދުވަހާއި 7 ދުވަހުގެ ތެރޭގައި، މަދިރި ބިސްއަޅައި މަދިރި އާލާވެއެވެ.

ގޭގައި ބަހައްޓާފައި ހުންނަ ގަސް މުށިތަކުގައި ފެން ހަރުލައި، މަދިރި ބިސްއަޅައި، މަދިރި ފަނި އުފެދެއެވެ. 

img:http://s3.psmnews.mv/images/660x400/14857487367662.jpg|މަދިރި އާލާވާފަދަ ތަނެއް. މިފަދަ ތަންތަން ނައްތާލުމަކީ ފަރުދީގޮތުން ކުރަންޖެހޭ ކަމެއް

ހަފްތާއަކު އެއްފަހަރު މިފަދަ ގަސް މުށިތަކުގައި ހުންނަ ފެންތައް އުކާލިނަމަވެސް ސަމާލުކަންދޭންވީ ކަމަކީ  އޭގައި އަޅާފައިވާ މަދިރި ބިސްތައް ހަރުލާފައި ހުންނާނެކަމެވެ. އެހެންކަމުން މިފަދަ ތަކެތީގެ ފެން ސާފުކުރާއިރު، ރަނގަޅަށް ދޮވެފައި ބެހެއްޓުމަކީވެސް  މުހިންމުކަމެކެވެ. 

މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ދިޔަދޮވީގައި ހަރުލާފައި ހުންނަ ފެން ނައްތާލުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. އަދި ގޭގައި ހުންނަ ވައިގޮޅިއަށް އުކާލެވޭ، ފުޅިއާއި ކޮތަޅު ފަދަތަކެތީގައި ފެންހަރުލައި، އެ ފެނުގައި މަދިރި ބިސްއަޅައި މަދިރި ފަނި އުފެދެއެވެ. މިއީ އާންމުކޮށް މުޖުތަމަޢުގައި ހިނގާ ކަމެކެވެ.

img:http://s2.psmnews.mv/images/660x400/14857490686270.jpg|މިފަދަ ތަންތަން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް

ހަމަ މިއާއެކު ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފައިވާ ޕްލޭގްރައުންޑް ފަދަ ތަންތަނުގައި، ބޭނުންކޮށްފައި ދޫކޮށްލެވޭ ފެންހުސްކުރިފުޅިއާއި އެނޫންވެސް ފެން ހަރުލާ ޒާތުގެ ތަކެތީގެ ސަބަބުން ޑެންގީ ހުމާއި މަދިރިން ޖެހޭ އެނޫން ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. އަދި ގޭގޭގެ އެއާކޮންޑިޝަނުން ބޭރުވާ ފެން އެޅުމަށްޓަކައި ބަހައްޓާފައި ހުންނަ ފުޅި ނުވަތަ ފުޅިބުރީގައި ވެސް މަދިރި ފަނި އާލާވެއެވެ. 

img:http://s2.psmnews.mv/images/660x400/14857489293629.jpg|ޖެހުނު ކޮންމެތާކަށް ކުނިބުނި އުލާލުން ހުއްޓާލަންޖެހޭ

މިއީ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ކުރެވޭ މިފަދަ ކިތައްމެ ކުޑަކުޑަ ކަމަކުންވެސް މަދިރި ފަނި އުފެދި، ޑެންގީއާއި އެނޫންވެސް މަދިރިން ޖެހޭ ނުރައްކާތެރި ބަލިތައް ފެތުރެއެވެ. އެހެންކަމުން މިފަދަކަންކަމަށް ސަމާލުކަންދީ، އުފެދޭ މަދިރި ނައްތާލުމަށްވުރެ، މަދިރި އުފެދުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމެވެ.