ތަރައްްޤީ

އެސްއީޒެޑްގެ އެންމެ ކުޑަ އިންވެސްޓްމަންޓަކަށް 150 މިލިއަން ޑޮލަރު


ދިވެހިރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިސާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ 150 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ކަނޑައަޅުއްވައިފިއެވެ. 

މި ޢަދަދު ކަނޑައެޅުއްވީ ރައީސުލްޖުމްޙޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ނެރުއްވި ޤަރާރެއްގައެވެ. މި ޤަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައިވެސް ޝާއިޢުކުރައްވާފައެވެ.

ދެހާސް ސާދަވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑް އޮފް އިންވެސްޓްމަންޓްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްޙޫރިއްޔާ އަހަރަކު އެއްފަހަރު ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވައެވެ. އަދި އެގޮތަށް ކަނޑައަޅުއްވާ ކޮންމެ ކަނޑައެޅުއްވުމެއް ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ ކުރިން މުރާޖަޢާކޮށް ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރަކުން އަލުން ކަނޑައަޅުއްވާ އިޢުލާން ކުރައްވަން ޖެހިޭނެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކުރައްވާފައިވެއެވެ.

ރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯންގައި ކުރެވިދާނެ މަސައްކަތްތައް: 

* އެކްސްޕޯޓަށް އިސްކަންދެއްވައިގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތްތަކުގެ މަސައްކަތް.

* ޓްރާންސްޝިޕްމަންޓް ޕޯޓް އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ފޯޓް، އެއާރޕޯޓް، ބަލްކް ބްރޭކިންގ ބަންކަރިންގ އަދި ޑޮކިންގ ސަރވިސް.

* ޔުނިވާރސިޓީތަކާއި، ޓާރޝަރީ ހޮސްޕިޓަލްތަކާއި އަދި ދުނިޔޭގެ ފެންވަރުގެ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.

* އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާރވިސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.

* އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއާއި އޮއިލް އެންޑް ގޭސް އެކްސްޕޮލޮރޭޝަން މަސައްކަތް.

* ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް ޢާންމު ކުރުމަށް ހިންގޭ މަސައްކަތްތައް. 

ރައީސް ޔާމީން ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ މާލީ ދާއިރާ ފިޔަވާ އެހެން ދާއިރާތަކުން ހުށަހެޅުންތައް ދިރާސާކުރުމުގައި ބަލާނީ ޑިވެލޮޕަރު ހުށަހަޅާ މުޅި އިންވެސްޓްމަންޓް ޤާއިމްކުރުމަށް އެފަރާތުން ޚަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމަންޓްގެ ޢަދަދަށް ކަމަށެވެ.

މާލީ ދާއިރާއިން ހުށަހަޅުއްވާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓުގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ޤާއިމްކުރުމަށް ހުށަހަޅާ ފިކްސްޑް އިންވެސްޓްމަންޓުގެ އިތުރުން މާލީ ޚިދުމަތް ފަށައިގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓްމަންޓަށް ކަމަށް ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ.

ޑިވެލޮޕަރު ހުށަހަޅާ ޖުމްލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓެޖީކް އިންވެސްޓްމަންޓުގެ ބައިތަކަށް ޚަރަދުކުރާ ޖުމްލަ އިންވެސްޓްމަންޓުގެ މިންވަރަށްވުރެ ސްޓްރެޓެޖީކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިހެން ވިޔަފާރިތަކަށްކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ.