ތަރައްްޤީ

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒު- މުޢިއްޒު


ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާ ގޮތް ވަޒީރުން ސިދާ ބައްލަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި އައު ނިޒާމުގެ ސަބަބުން، ރައްޔިތުންނާ ވިހާވެސް ގާތުން ޚިދުމަތް ދެއްވަން މަގުފަހިވާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓަރ މިހެން ވިދާޅުވީ، ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން ކުރެއްވި ޒިޔާރަތަށްފަހު، ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީއާ ގުޅުންހުރި އެތައް މަޝްރޫޢެއް ހިނގަމުންދެއެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތައް އެކި ސަބަބުތަކާހުރެ މަޑުޖެހިފައި ނުވަތަ ހުއްޓިފައިވާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން އަބަދުވެސް ސަރުކާރަށް ލިބެމުންދެއެވެ. ރައްޔިތުންގެ މިފަދަ ޝަކުވާތައް އަޑުއަހައި، އަތޮޅުތަކުގެ ކަންކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކުލަވާލެއްވި އައު ނިޒާމުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ކެބިނެޓުގެ ވަޒީރުންނާ ވަނީ ޙަވާލުކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14849907634387.jpg|ޑރ.މުޢިއްޒު މިއަދު ހދ.ކުރިނބީގައި - ފޮޓޯ: ޕީއެސްއެމް

މިގޮތުން ހދ. އަތޮޅަށް ކަނޑައަޅުއްވާފައިވާ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއަތޮޅަށް ޒިޔާރާތްކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ކައުންސިލްތަކާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، އިސް ރަށްވެހިންނާ ބައްދަލުކުރެއްވިއެވެ. 

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަލަށް އެކުލަވާލެއްވި މި ނިޒާމުގެ ސަބަބުން، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެން ހިނގައްޖެކަމަށެވެ. އަދި މިއީ ރައްޔިތުން ބޭނުންވާ ކަންކަން އެރައްޔިތުންގެ ގާތަށް ގޮސް އޮޅުންފިލުއްވައި، އެކަންކަމުގެ ނަތިޖާ ނެރެދެވޭނެ ފަދަ ނިޒާމެއްކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.

"ރައީސް ޔާމީން އަލަށް ޤާއިމުކުރެއްވި މި ނިޒާމުގެ ތެރެއިން، ކޮންމެ ވަޒީރަކުވެސް އެވަޒީރަކާއި ހަވާލުކުރައްވާފައިވާ ދާއިރާއެއްގެ ރައްޔިތުންނާއި ބައްދަލުކުރަން ދާން އެބަޖެހޭ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި، އެކަންކަން ރައީސްއާއި ހިއްސާކުރައްވަންޖެހޭ. އެހެންކަމުން މިއީ ރިޒަލްޓް އޮރިއެންޓެޑް ގޮތަކަށް ނަތީޖާ ނެރުމަށް އަމާޒުކުރެވިފައިވާގޮތަކަށް އެމަނިކުފާނު މުޅި ނިޒާމް މިހާރު މިވަނީ ބައްޓަންކުރައްވާފައި" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14849271006729.jpg|މިނިސްޓަރ މުޢިއްޒު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ހައުސިން މިނިސްޓަރ

ހދ. އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް، މި ދަތުރުފުޅުން ލިބިވަޑައިގެންނެވި މަޢުލޫމާތުގެ އަލީގައި، ޙައްލުކޮށްދެއްވައި، ހުއްޓިފައިވާ މަޝްރޫޢުތައް ވިހާވެސް އަވަހަކަށް ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"މި ދަތުރުގެ ތެރެއިން އަޅުގަނޑުމެންނަށް ހައްލުކުރެވިދާނެ ކަންތައްތަކެއް ބައެއް ރަށްރަށުގައި ހުރިކަން ވަނީ ފާހަގަކުރެވިފައި. އެގޮތުން ބަނދަރާއި ގުޅުންހުރި މައްސަލަތަކާއި، ބިމާއި، ގެދޮރު ދޫކުރުމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރެވުނު. މިހުރިހާ ކަމަކަށްވެސް ވަރަށް ސީރިއަސްކޮށް އަޅުގަނޑު އެޓެންޑުވާނަން. އަދި ވަރަށް އަވަހަށް އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން" ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ހދ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.