ތަރައްްޤީ

ހުޅުމާލޭގައި އައު ސްކޫލެއް ޢިމާރާތް ކުރަނީ


ހުޅުމާލޭގައި 1,600 އަށްވުރެ ގިނަ ކުދިންގެ ޖާގައިގެ ސްކޫލެއް ޢިމާރާތް ކުރުމަށް އެޗްޑީސީން އަމިން ކޮންސްޓްރަކްޝަނާ މިއަދު ޙަވާލުކޮށްފިއެވެ.

ހުޅުމާލޭގެ އާބާދީ އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. އާބާދީ އިތުރުވަމުން ދާއިރު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ހުޅުމާލޭގައި އިތުރު ސްކޫލްތައް އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

މިގޮތުން ހުޅުމާލޭގެ ނެއިބަރ ހުޑް އެކެއްގައި 7 ބުރީގެ ސްކޫލެއް އިމާރާތް ކުރުމަށް އެޗްޑީސީން މިވަނީ އަމީން ކޮންސްޓްރަކްޝަންއާއި ޙަވާލުކުރައްވާފައެވެ. މި ސްކޫލް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި މިހާރު ހަދަމުންގެންދާ ކޮމިއުނިޓީ ސެންޓަރ ކައިރީގައި އޮންނަ ހުސްބިމުގައެވެ.

ހަތް ބުރިއަށް ޢިމާރާތްކުރާ މި ސްކޫލަކީ 1،600 އަށް ވުރެ ގިނަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ޖުމްލަ 50 ކްލާސްރޫމް ހިމެނޭގޮތަށް ޢިމާރާތްކުރާ މިސްކޫލްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށޭނެގޮތަށް 2 ކްލާސްރޫމް ޢިމާރާތް ކުރާނެކަމަށް އެޗްޑީސީ އިން ބުނެއެވެ. 132 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކޫލްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 14 މަސްދުވަހުގެ ތެރޭގައެވެ.

މި ސްކޫލް ޢިމާރާތް ކުރުމަށް އަމިން ކޮންސްޓްރަކްޝަންއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ މިއަހަރު ހުޅުމާލޭގައި އާބާދީ 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި އާބާދީ އިތުރުވަމުންދާ ނިސްބަތުން ސްކޫލްތައް އިތުރުކުރަން ޖެހޭކަމަށާއި އަލަށް ޢިމާރާތް ކުރާ ސްކޫލް ވެގެންދާނީ ހުޅުމާލޭގައި މިހާރު ހުރި ރެހެންދި ސްކޫލަށް ވުރެ ބޮޑު ސްކޫލަކަށް ކަމަށް ސައިމަން ވިދާޅުވިއެވެ.

"ކުރިގައި ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލް ހަމަ އަމިން އިންވަނީ ހުޅުމާލޭގައި އަޅާފައި.. ރެހެންދި ސްކޫލް، އެސްކޫލަށްވުރެވެސް މި ސްކޫލް ބޮޑުވެގެން އަންނާނެ. މި ސްކޫލްގެ ކުލާސްރޫމްގެ ޢަދަދު އެބައުޅޭ 50 ކުލާސްރޫމް، ހަމަގައިމުވެސް އެހެން ސްކޫލްތަކާއި ތަފާތު ފީޗާސްތަކުގެ ތެރޭގައި ސްޕެޝަލް ނީޑްސް ހުރި ކުދިންނަށް ޙާއްޞަ ކުރެވިގެން، ކުދިންނަށް މައްޗަށް 6 ފުލޯއާއި ހަމައަށް މައްޗަށް ރޭންޕަކުން އެރޭނެ،" ސައިމަން ވިދާޅުވިއެވެ.

މި ސްކޫލްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތުގައި ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން އަމިން ކޮންސްޓްރަކްޝަނުން ދީފައިވެއެވެ.

މިސްކޫލް ޢިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން، އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު ﷲ މުޙައްމަދެވެ.