ތަރައްްޤީ

އެއަރޕޯޓުގެ ތަރައްޤީއާއި ގުޅޭ މަޢުލޫމާތު އާއްމުންނަށް ދެނީ


ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އެއް އެއަރޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މި އެއަރޕޯޓުން ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުންވެރިންނާއި ދިވެހިންވެސް ޚިދުމަތް ލިބިގަނެއެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށިކަމުގައިވާ އެއަރޕޯޓަށް 50 އަށްވުރެ ގިނަ އަހަރުވެގެންދިޔައިރު އެއަރޕޯޓަށް ދިވެހިން ފަހުރުވެރިވާ އެތައް ކުރިއެރުންތަކަށް ވަނީ ލިބިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު، ސަރަޙައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ތަނަކަށް ހެއްދެވުމަށްޓަކާ ސަރުކާރުން މިހާރުވެސް ގެންދަވަނީ އެއަރޕޯޓް ތަރައްޤީކުރެއްވުމަށް 800 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫޢެއް ހިންގަވަމުންނެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެއަރޕޯޓުގެ އެކި ސަރަޙައްދުގައި ހިނގަމުން އަންނައިރު، އެ މަންޒަރުތަކާއި، އެކަމުގެ މަޢުލޫމާތުތައް ވިހާވެސް ގިނަ ބަޔަކަށް ދިނުމަކީ އެއަރޕޯޓް ހިންގަމުން އަންނަ ކުންފުނީގެ ހައިސިއްޔަތުން، ކުރުން މުހިއްމުކަމެއް ކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. އެހެންކަމުން ސަރުކާރުގެ އެކި މުއައްސަސާތަކާއި، ސްކޫލް ކުދިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް އެކުންފުނިން މިހާރު ވަނީ ފަށާފައެވެ.

އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ، އިންޖިނިއަރިންގ އެންޑް ޔޫޓިލިޓީޒް ޢަލީ ރިފާޢު ވިދާޅުވީ، އެއަރޕޯޓަކީ އާއްމުން ދިރިއުޅޭ ސަރަޙައްދާ ވަކިން އޮންނަ ތަނަކަށްވެފައި، އެއަރޕޯޓުގައި ދުވަހުން ދުވަހަށް ހިނގަމުންދާ އޮޕަރޭޝަންތަކަކީ، ކިޔަވާ ކުދިންވެސް ޝަޢުގުވެރިކަމާއެކު އޮޅުންފިލުވަން ބޭނުންވާނެ މަޢުލޫމާތުތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެކުންފުނިން އަލަށް ފެށި މި ޕްރޮގްރާމްގެ ތެރެއިން އެއަރޕޯޓުގައި މިހާރު ލިބެންހުރި ޚިދުމަތްތަކާއި، އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ ދަށުން، އެއަރޕޯޓަށް އަންނަމުންދާ ބަދަލުތަކާގުޅޭ ގޮތުން މަޢުލޫމާތު ދެއްވާނެކަމަށް ރިފާޢު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ރިފާޢު ވިދާޅުވިއެވެ.

"އެއަރޕޯޓުގައި މިހާރު ހިންގާފައިހުރި ތަރައްޤީގެ މަޝްރޫޢުތަކާއި، ކުރިއަށް އޮތްތާނގައި ރޭވިގެންކުރަމުންދާ ތަރައްޤީގެ ހުރިހާ ޕްރޮޖެކްޓުތަކާ ގުޅޭ މަޢުލޫމާތު ވީހާވެސް ގިނަރައްޔިތުންނަށް ހިއްސާ ކުރެއްވުމަށްޓަކާ އަޅުގަނޑުމެން ކޮންމެ ހަފްތާއަކުވެސް ސިލްސިލާކޮށް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް މިހާރު މިވަނީ ނިންމާފައި. މިޕްރޮގްރާމް އަޅުގަނޑުމެން ޓާގެޓުކޮށްފައި މިވަނީ ސްކޫލް ކުދިންނަށާއި، ސަރުކާރުގެއެކި އިދާރާތަކާއި، މުޢައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް. އަދި އަމިއްލަޖަމިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށްވެސް މި މަޢުލޫމާތު އަޅުގަނޑުމެން ހިއްސާ ކުރާނަން" ރިފާޢު ވިދާޅުވިއެވެ.

އެއާރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢަކީ މުޅި މާލެ ހިމެނޭ ސަރަޙައްދުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައި، ވަކިން ޚާއްސަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ. މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއާރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކޮށް، އަހަރަކު ގާތްގަނޑަކަށް 7.5 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭނެއެވެ.