މުނިފޫހިފިލުވުން

ފިލްމް "ރަންގޫން" ފެބްރުއަރީ 24 ގައި ސިނަމާތަކަށް


ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގައިދިޔަ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ހިންދުސްތާނު ފިލްމު "ރަންގޫން" އަކީ ހިންދުސްތާނު ފިލްމްތަކުގެ ރަހައަށް އަނެއްކާވެސް ބަދަލުގެނުވާނެ ފިލްމެއްކަމަށް ފިލްމް ޑައިރެކްޓަރ ވިޝާލް ބަރްދުވާޖު ބުނެއެވެ.  

މި ފިލްމަކީ ލޯބީގެ އެކްޝަން ފިލްމެކެވެ. ލޯބީގެ ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ފިލްމް "ރަންގޫން" އުފެއްދުމަށްޓަކައި ފިލްމުގެ ޑައިރެކްޓަރު ވަނީ ގިނަ ދިރާސާތަކެއް ކޮށްފައެވެ. ފިލްމްގެ ލީޑުންރޯލްތަކުން ފެންނަ ތަރިން ވަނީ މިފިލްމު ކުޅުމަށްޓަކައި ގިނަ ތަމްރީނުތަކެއް ވެސް ހަދާފައެވެ. 

img:http://s1.psmnews.mv/images/660x400/14852313546744.jpg|

އާންމުންގެ ބޮޑު ސަމާލުކަމެއް މިހާރު ހޯދަމުންދާ "ރަންގޫން" ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގި ކަންތައްތަކެއް ދައްކުވައިދޭ ފިލްމަކަށްވާކަމީ މި ފިލްމަށް ގިނަބައެއްގެ ޝައުގު ހުއްޓޭ އެއް ސަބަބުކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ފިލްމުގެ ލީޑު ރޯލުން ފެންނަނީ ސައިފް ޢަލީ ޚާންއާއި ޝާހިދު ކަޕޫރާއި ކަންގަނާ ރަނައުޓްއެވެ. 

މިއީ އަނެއްކާވެސް ޝާހިދު ކަޕޫރުގެ ނަން ފިލްމް އެވޯޑްތަކަށް ހުށަހެޅޭނެ ފިލްމެއްކަމަށް ފާޑުކިއުންތެރިން ބުނެއެވެ. 

މިފިލްމްގެ ޓްރެއިލަރއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ދައްކުވައިދެނީ އިންޑިއާ އިނގިރޭސީންގެ އަތްދަށުގައި އޮތް ދުވަސްވަރުގެ ބައެއް މަންޒަރުތަކާއި ލޯބި ޙާޞިލްކުރުމަށްޓަކައި ސިފައިންގެމީހަކު ކުރާ މަސައްކަތެވެ. 

ގިނަބައެއްގެ ލޯބި ހޯދާފައިވާ ބަޠަލާ ކަންގަނާއަށް މި ފިލްމްގެ ސަބަބުން އަނެއްކާވެސް ގިނަބައެއްގެ ތަޢުރީފް އޮހޭނެކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. 13 މިލިއަނަށްވުރެ ގިނަ މީހުން ޔޫޓިއުބް މެދުވެރިކޮށް މި ފިލްމްގެ ޓްރެއިލަރ ބަލާފައިވެއެވެ. މި ފިލްމް ޝޫޓްކުރީ އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގައެވެ. 

މި ފިލްމް ސިނަމާތަކުގައި ދައްކަން ފަށާނީ ފެބްރުއަރީ މަހު ސައުވީސް ވަނަ ދުވަހުއެވެ.