ތަރައްްޤީ

މުލަކު ފެނުގެ ނިޒާމް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފި


މ. މުލަކު ފެނުގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެންމެނަށް ރައްކާތެރި ސާފުފެން ޔަޤީން ކޮށްދެއްވުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފުފެނުގެ ޔަޤީންކަން ހޯއްދަވައިދެއްވުމުގެ ނިޒާމެއް މ.މުލަކުގައި ޤާއިމްކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ހިންގަވާ 37 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ ޑީސެލިނޭޝަން 2 ޕްލާންޓު ބަހައްޓަވައި، މިޕްލާންޓުން، ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެއެވެ. މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރެއްވުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓަވާފައިވެއެވެ. އަދި 11 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ވަނީ ޤާއިމުކުރައްވާފައެވެ. މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މުލަކުގައި ޤާއިމްކުރައްވައި 279 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓަވާފައެވެ.

މީގެ އިތުރުން ފެންއުފެއްދެވުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރެއްވުމަށާއި، މުލަކުގައި ހުރި ޤުދުރަތީ ވަޞީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރެއްވުމަށް އަމާޒުކުރައްވައިގެން ވާރޭފެން ރައްކާކުރެއްވުމަށް 700 ޓަނުގެ އެއްތާނގީއަށް ޖަމާކޮށް، އެފެނުގެ ސާފުކަން ޔަޤީންކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެ ގޮތް ވަނީ ހަމަޖައްސަވާފައެވެ.

އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރައްވައިގެން ހިންގަވާ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މުލަކުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެއްވުމުގެ މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.

މިރަސްމިއްޔާތުގައި މުލަކުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެންވާރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމްއެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 43 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.