ތަރައްްޤީ

ދިއްގަރުގެ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށްޓަވައިފި


ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މ. ދިއްގަރުގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ

ދިއްގަރު ނަރުދަމާ ނިޒާމްގެ މަސައްކަތް، ޑިޒައިންގ އެންޑް ބިލްޑް އުސޫލުން ކުރިޔަށްގެންދެވުމަށް ހަވާލުކުރައްވާފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް "އެމް.ޑަބްލިޔު.އެސް.ސީ"އާއެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ 2016ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި މަޝްރޫޢުގެ ދަށުން ފާޚާނާ ހޮޅިއެޅުމާއި، ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ސީއައުޓްފޯލް ސިސްޓަމެއް ޤާއިމް ކުރެވޭނެއެވެ.

މި މަޝްރޫއުގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 28 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސެވަރޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މި މަޝްރޫއު ކަނޑައެޅިފައިވާ ތާރީޚަށް ނިންމާ، ޚިދުމަތް ދެވެން ފެށޭނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މ. ދިއްގަރުގެ ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިއާއެކު ރަށުގައި އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.