 
										
			ހއ. ފިއްލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިފިއެވެ.
 
މިއަދު މެންދުރު ފިއްލަދޫގައި އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ މެމްބަރު ޢަލީ އާރިފެވެ. 
 
ފިއްލަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ، އައު ބަނދަރާއެކު ފިއްލަދޫގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި އުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުންވެސް އެރަށުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
 
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ބަނދަރުގެ މަސައްކަތް، ތާވަލްކޮށްފައިވާ ތާރީޚަށް ނިންމުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި ފިއްލަދޫގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.
 
ހއ. ފިއްލަދޫގައި ހައްދަވާ ބަނދަރަކީ  150 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރެކެވެ. ދައުލަތުގެ ބަޖެޓުން 28.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫއުގެ މަސައްކަތް 10 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރައްވާފައިވަނީ އާރު.އާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
 
އަތޮޅުތެރޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ޚާއްސަ އިސްކަމެއް ދެއްވައިގެން ބަނދަރު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން މިހާރުވެސް ކުރިއަށްގެންދަވައެވެ.