ތަރައްްޤީ

ވީއައިއޭގެ ކާގޯ ހޭންޑްލިންގ، ސެޓްސް ކުންފުންޏާ ޙަވާލުކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދޭ ކާގޯ ހޭންޑްލިންގެ ޚިދުމަތް އޮޓޮމޭޓްކުރަން ސިންގަޕޫރުގެ ސެޓްސް ކުންފުންޏާ ޙަވާލުކޮށްފިއެވެ.

ކާގޯ ހޭންޑްލިންގެ ޚިދުމަތް އޮޓޮމޭޓްކުރުމުން ވައިގެ މަގުން ރާއްޖެ އެތެރެކޮށް، ބޭރުކުރާ މުދާ ވަގުތުން ވަގުތަށް ޓްރެކްކުރުމާއި އެ ތަކެއްޗާބެހޭ މަޢުލޫމާތު ރައްކާކޮށް ކާގޯ ކްލިއަރކުރުމުގެ ހުރިހާ ކަމެއް، ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެއެވެ. އަދި އޮންލައިންކޮށް އެއަރވޭ ބިލްގެ ކަންކަންތައްތައް ކުރެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

އަލަށް ޤާއިމުކުރާ މި ސިސްޓަމް އުފައްދަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓުގެ ޚިދުމަތްތައް ބަލަހައްޓާ އަދި ރާއްޖޭގެ އިންފްލައިޓް ކޭޓަރިން ކުންފުނީގައިވެސް ޙިއްޞާ އޮންނަ ސެޓްސް ކުންފުންޏާއި އިންޑިއާގެ އެންއައިއައިޓީ ޓެކްނޮލޮޖީސް ގުޅިގެންނެވެ.

މި ސިސްޓަމް މެދުވެރިކޮށް ދެވޭ ކާގޯ ހޭންޑްލިންގެ ޚިދުމަތްތަކަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ މިންގަނޑަށް ދޭވޭ ޚިދުމަތްތަކެއްކަމުގައި އެމްއޭސީއެލުން ބުނެއެވެ.

އަހަރުގެ ކޮންމެ ތިންމަހެއްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފަންސާސް ހާސް ގުޑްސް ޑެކްލަރޭޝަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކާގޯގެ ގޮތުގައި އެތެރެކުރެއެވެ.