ތަރައްްޤީ

އެއަރޕޯޓްތައް އަވަހަށް ނިންމުމަށް އަމާޒު ހިފާފައި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 7މިލިއަން ފަތުވެރިން ގެނައުމަށް ކަނޑައަޅުއްވާފައިވާ އަމާޒާއެކު އެހެން ޞަރަހައްދުތަކުގައި އަލަށް ހައްދަވާ އެއަރޕޯޓުތަކުގެ ޚިދުމަތް ފެށުން އަވަސް ކުރަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.  

މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ހަދަން ނިންމަވާފައިވާ 4 އެއަރޕޯޓުގެ އިތުރުން ދެމްހުރި އެހެން އެއަރޕޯޓްތައް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހަދަން ނިންމަވާފައިވާކަމަށެވެ. މިއަހަރުގެ ތެރޭގައި ބަޖެޓުގައި ހިމަނުއްވައިގެން ހަދަން ނިންމަވާފައިވާ އެއަރޕޯޓްތަކުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފަށްޓަވަން މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. 

ބަޖެޓްގައި ހިމަނުއްވައިގެން މިއަހަރު ހަދަން ނިންމަވާފައިވާ އެއަރޕޯޓްތަކަކީ ހދ.ކުޅުދުއްފުއްޓާއި، ށ.ފުނަދޫއާއި ގދ.ފަރެސްމާތޮޑާއާއި ނިލަންދޫ އެއަރޕޯޓެވެ. މިހާރުވެސް ބައެއް ކުންފުނިތަކުން އެއަރޕޯޓްތައް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ސަރުކާރު ޙިއްސާވާ ކުންފުނި އެމްޓީސީސީންވެސް 5 އެއަރޕޯޓެއް ހެދުމުގެ ޝައުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާކަމަށެވެ. 

މި 5 އެއަރޕޯޓުގެ މަސައްކަތްވެސް މިއަހަރު ފެށްޓެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމްޓީސީސީ އިން އެއަރޕޯޓު އެޅުމަށް ސަރުކާރަށް ހުށަހަޅާފައިވާ 5 ރަށަކީ ށ. ފުނަދޫއާއި ރ. ފައިނާއި ހދ. ކުޅުދުއްފުއްޓާއި ގދ. ފރެސް މާތޮޑާއާއި ޅ. ފެލިވަރެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަހައްދީ 11 އެއަރޕޯޓް އޮޕަރޭޓްކުރަމުން ދެއެވެ.