ތަރައްްޤީ

އެމްއާރުޑީސީން އިތުރު ޕްރޮޑަކްޓްތަކެއް ނެރެނީ


މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރ.ޑީ.ސީ)އިން މިއަހަރުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާއަށް އިތުރު ޕްރޮޑަކްޓްތަކެއް ނެރުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބުދުއް ރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އެމްއާރުޑީސީ މިހާރުވެސް އަންނަނީ އިމާރާތް ކުރުމުގެ ދާއިރާއަށް ޚާއްސަކޮށްގެން 7 ވައްތަރެއްގެ ގައު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް  އެވްރެޖްކޮށް ތިރީހާސް ގައު އުފައްދާކަމަށް އެކުން ފުނިން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިބްރާހީމް އަބުދުއްރައްޒާޤް ވިދާޅުވީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރަމުން އަންނަމިންވަރާ އެއްވަރަށް އެކުންފުނީގެ ޕްރޮޑަކްޝަން ކެޕޭސިޓީ ވެސް އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ތަޢާރަފްކޮށްފައިވާ ފަހުގެ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް އެކުންފުނިންފައްޓަވާނެކަމަށެވެ.

" ދުނިޔޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ތަޢާރަފްކޮށްފައިވާ އިތުރު ޓެކްނޮލޮޖީތައް ތަޢާރަފް ކުރަން ރާއްޖޭގައި. އެގޮތުން ސްޓީލް ކޮންސްޓްރަކްޝަން ޕްރީ ފެބްރިކޭޓެޑް ހައުސިން ގެ މަސައްކަތް މިއަހަރުތެރޭގައި ފަށާނަން. ގަލާއި ގުޅޭ އިތުރު ޓެކްނޮލޮޖިކަލް ޕްރޮޑްކތްތަކެއް އިތުރކުރާނަން." އެމް.އާރު.ޑީ.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އެކުން ފުނިން ދަނީ މިއަހަރުގެ ތެރޭގައި ފްލީ އޮޓެމޭޓެޑް ބްލޮކް މޭކިންގ މެޝިން އެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މެޝިން ޤާއިމް ކުރެވުމުން އެކުންފުނިންގ އުފައްދާ ޕްރޮޑަކްޓް ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން އެކުންފުނިން ގެންދަނީ ޕްރައިވެޓް ސެކްޓަރއަށް ޙާއްސަކޮށް ގައު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.