ތަރައްްޤީ

ހައުސިންގ މިނިސްޓަރ ހދ.އަތޮޅުގެ 9 ރަށަކަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ނޭކުރެންދޫ އާއި ކުމުންދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ނޭކުރެންދުއާއި ކުމުންދޫގެ ކައުންސިލް މެމްބަރުންނާއި މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެދެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައިވެއެވެ. އަދި ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް އޮޅުން ފިލުއްވާފައިވެއެވެ.

މި ދެރަށުގެ ރައްޔިތުންވެސް މައިގަނޑުގޮތެއްގައި ޙިއްސާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރަގަޅު ފެންވަރުގެ ފެނާއި ނަރުދަމާ ނެތުމާއި، ސިއްޙީ އާލަތްތައް މަދުވުން، ބަނދަރުގެ ދަތިކަން އަދި ކުނީގެ މައްސަލަ ހިމެނެއެވެ. ނޭކުރެންދޫ އަދި ކުމުންދޫ ކައުންސިލްގެ މެމްބަރުންނާއެކު ވަކި ވަކިން ބޭއްވި ބައްދަލުވުންތަކުގައި ހައުސިންގ މިނިސްޓަރ ވަނީ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާ، ސަރުކާރުގެ އަމާޒު ޙިއްސާކުރައްވާފައެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެވޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ، ހުރިހާ ކައުންސިލްތަކުންވެސް ސަރުކާރާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ދަތުރުފުޅުގައި މިހާތަނަށް 9 ރަށަކަށް ހައުސިންގ މިނިސްޓަރ ވަޑައިގެންފައިވެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީގްރޫޕުގެ ލީޑަރ އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.