ތަރައްްޤީ

ސިފްކޯ ހިޔާ ފްލެޓްތައް އަންނަ އަހަރު ނިމޭނެ


ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމައްޓަކައި ހުޅުމާލޭގައި ޢިމާރާތްކުރައްވަން ފަށްޓަވާފައިވާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ސިފައިންގެ އަހަރީ ދުވަހަށް ނިންމަވާ އެ ފްލެޓްތަކުގެ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ޙަވާލުކޮށްދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓިވިއުއެއްގައެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސިފްކޯ ހިޔާ ފްލެޓުތަކަކީ ދިވެހި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކަށް އަމާޒުކުރައްވައިގެން 2013 ވަނަ އަހަރުގެ ތެރޭގައި އިމާރާތް ކުރައްވަން ފެށްޓެވި ފްލެޓްތަކެކެވެ. ނަމަވެސް މި މަސައްކަތް ކުރިން ޙަވާލުކުރެއްވި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސްއާއި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އާދެމެދު ވި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމްގެ ލަފާފުޅުގެ މަތިން ޑިފެންސް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މިހާރު އެމަސަކަތް ކުރައްވަނީ އައިލެންޑް އެކްސްޕަރޓް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.

ސިފްކޯ ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށްފަހު މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ފްލެޓްގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ އިންޖިނިއަރުންނާއި ސިފައިންގެ އިންޖިނިއަރުންނާއި ހަވާލާދެއްވާ މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފްލެޓްތަކުގެ ހައްޤުވެރި ފަރާތްތަކަށް ފްލެޓް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނާއި ކޮންޓްރެކްޓަރުންނާ ދެމެދު ވެވުނު އެއްބަސްވުމުގައި އޮންނާނެ ބުނެފައި ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވެންޖެހޭނެ ކަމަށް،" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ޚާއްޞަ ކުރައްވައިގެން އިމާރާތް ކުރައްވަމުން ގެންދަވާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ޑިފެންސް މިނިސްޓަރ ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން މަސައްކަތް ކުރަމުންދާ ސައިޓަށް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު މިނިސްޓަރ އާދަމް ޝަރީފް އުމަރު ޒިޔާރަތް ކުރައްވައެވެ. މިނިސްޓަރ ވިދާޅުވީ، ސިފައިންގެ ވެލްފެއަރ ކަންތައްތަކަކީ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެއް ކަމަށެވެ.

"މި ފްލެޓްތައް ނިމުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ އެއްބަޔަކީ ސިފައިންގެ އާއިލާތައް" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އައިލެންޑް އެކްސްޕަރޓާއެކު 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެވުނު ވަގުތީ އެއްބަސްވުމެއްގެ ދަށުން ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން މިހާރު މިވަނީ ސިފްކޯހިޔާގައި ހިމެނޭ 3 ޓަވަރުގެ ފައުންޑޭޝަން އަޅައި އޭގެތެރެއިން 2 ޓަވަރުގެ ފުރަތަމަ ޝީޓުވެސް އަޅައި ނިންމާފައެވެ.

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. 3 ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރައްވާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައިވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ ޖުމްލަ 330 ފްލެޓެވެ.