ތަރައްްޤީ

ދެވަނަ ފިޔަވަހީގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި


ހުޅުމާލޭ ތަރައްޤީކުރެއްވުމުގެ މަޝްރޫޢަކީ ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބިޔަ އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހިން ބައެއް ހިއްކައި، އެތަނުގައި މީހުން އާބާދުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ ފަޅުން ހިއްކެވުމަށް ކަނޑައެޅި ސަރަޙައްދުގެ މަސައްކަތްވެސް ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި ނިންމަވާލައްވާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިއްކި 188 ހެކްޓަރަށްވުރެ ދެގުނަ ބޮޑުކޮށް ދެވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކަވާފައިވެއެވެ. 

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ޚިލާފަށް ދެވަނަ ފިޔަވަހީގައި އެޗްޑީސީން މަސައްކަތް ކުރަމުންދަނީ، ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު، އެއް ވަގުތެއްގައި، އެކުއެކީގައި ހިންގަންޖެހޭ ތަރައްޤީގެ އެހެން މަޝްރޫޢުތައް ހިންގުމަށެވެ. އެހެންކަމުން މަގު ހެދުމާއި އެކުއެކީގައި ކަރަންޓާއި، ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ވަނީ އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފައެވެ. އެކަމަށްޓަކާ އެޗް.ޑީ.ސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަންއެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ. 

ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ބުނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކާއެކު، އެ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވުމަށްވެސް އެކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14839644102756.jpg|ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޑަބްލިޔުއެސްސީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ ފަރާތުން މި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު ގެނެސްފައިވާކަމަށާއި، އުއްމީދަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އިތުރުން، ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމަށް ބޭނުންވާ ރޯޑް ކްރޮސިންގގެ މަސައްކަތް ކުރުމަށްވެސް އެޗް.ޑީ.ސީގެ ފަރާތުން ވަނީ އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފައެވެ. ސަތޭކަހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރައްވަމުން ގެންދަވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން، ރިއަލް-އެސްޓޭޓް އުޞޫލުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރެއްވުމުގެ އިތުރުންވެސް، ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ހިންގެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ތެރޭގައި ޔޮޓް މެރީނާއާއި ކްރޫޒް ޓަރމިނަލް ތަރައްޤީކުރެއްވުން، ފަތުރުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްޤީކުރެއްވުން އަދި އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ތަރައްޤީކުރެއްވުން ހިމެނެއެވެ.

ދެވަނަ ފިޔަވަހީގައި މިވަގުތު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަޙައްދުގެ ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. އަދި ޒޯން އެކެއް، ދޭއް އަދި ތިނެއްގެ ފަސް އެއްގަނޑު އެއްވަރުކުރުމާއި، މަގުހެދުމަށް ބޭނުންވާ ލޭޔަރތައް އެޅުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށާއި، އެޗް.ޑީ.ސީން ހާމަކުރެއެވެ.