ޚަބަރު

ހާލުގައި ޖެހިފައިވަނިކޮށް ފެނުނީ ސްރީލަންކާގެ މަސްބޯޓެއް


ހާލުގައި ޖެހިފައިވަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ފެނިފައިވަނީ ސްރީލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓުގައި ތިބި ދެމީހުންނަކީވެސް ސްރީލަންކާގެ ރައްޔިތުންކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. އަދި ކަމާގުޅުންހުރި މުޢައްސަސާތަކާއި ގުޅިވަޑައިގެން އެދެމީހުން ސްރީލަންކާއަށް ފޮނުވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މިހާރު އެމީހުން ތިބީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ އުލިގަމު ޕޯސްޓުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވޭ.

25 ފޫޓުގެ މި މަސްދޯނި ހާލުގައި ޖެހިފައިވަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރު 15:45 ހާއިރު، ހއ. ތުރާކުނުގެ 30 ނޯޓިކަލް ބޭރުންނެވެ. އިންޖީނު ހުއްޓުމުގެ ސަބަބުން ހާލުގައި ޖެހިފައި ވަނިކޮށް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދީ، މި ބޯޓުގެ މަޢުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ އދ. އޮމަދޫ ކަނޑުރޯދި ނަމަކަށް ކިޔާ ކަންނެލި ދޯންޏަކުންނެވެ.