ތަރައްްޤީ

ކުޑަހުވަދޫ އެއަރޕޯޓު ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށަނީ


ދ. ކުޑަހުވަދޫގައި ތަރައްޤީ ކުރައްވާ ޑޮމެސްޓިކް އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފެއްޓެވުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ މަސައްކަތް ޙަވާލުކުރައްވާފައިވާ ކޮންޓްރެކްޓަރާ ޙަވާލާދެއްވައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުޑަހުވަދޫ އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ ރިއޮއްލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ދ. ކުޑަހުވަދޫގައި ސަރުކާރުން ތަރައްޤީ ކުރައްވާ ޑޮމެސްޓިކް އެއާރޕޯޓަކީ، 1،800 މީޓަރުގެ ދިގު ރަންވޭއަކާއެކު، ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއެއް ހިމެނޭހެން ތަރައްޤީ ކުރައްވާ އެއަރޕޯޓެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން މި އެއަރޕޯޓްގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ރިއޮއްލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

ކުޑަހުވަދޫގައި ތަރައްޤީ ކުރައްވާ އެއަރޕޯޓުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އެއަރޕޯޓުގައި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޢިމާރާތްތަކާއި، ޓަރމިނަލް އަދި އެތަނުގައި ހަދާ ރެސްޓޯރެންޓްގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފައެވެ. އަދި މިހާރު އެންމެ ބާރު ސްޕީޑުގައި ކުރަމުންދާ މަސައްކަތަކީ ރަންވޭގެ މަސައްކަތެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޒަމީރު ވިދާޅުވީ، ކުޑަހުވަދޫ އެއަރޕޯޓުގައި ހަދާ ރަންވޭގައި ތާރު އެޅުމުގެ ކުރިން ބިން ލެވެލް ކުރުމާއި، ހިލަ އެޅުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެނާ ވިދާޅުވީ، އެއައޕޯޓަށް ބޭނުންވާ މުވައްޒަފުން ނެންގެވުމަށް އިންޓަރވިއު ކުރައްވައި، ހޮވިފައިވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްވެސް މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.  

ކުޑަހުވަދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން ފަށްޓަވާފައި ވަނީ 2014 ވަނަ އަހަރުގެ ކުރީކޮޅެވެ. މި އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް ކުޑަހުވަދޫގެ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކަވާފައިވެއެވެ. އެއަރޕޯޓުގެ މަސައްކަތް ކުރިޔަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާ، ބޭނުން ކުރަން ފެށޭވަރު ވާނެކަމަށް މި މަސައްކަތް ޙަވާލުކުރައްވާފައިވާ ކޮންޓްރެކްޓަރާއި ޙަވާލާދެއްވާ ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ.