ތަރައްްޤީ

އައިއެންއައިއޭގެ ނަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރަސްމީގޮތުން ރީބްރޭންޑްކުރައްވައިފި.

1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ހުޅުވި، ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރަށް 50 އަހަރުވެފައިވާއިރު، ތަފާތު ނަންތައް އެ އެއަރޕޯޓަށް ކިޔާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އެއަރޕޯޓު ހުޅުވީ "ހުޅުލޭ އެއަރޕޯޓު" ގެ ނަމުގައެވެ. 1981 ގައި އެއަރޕޯޓުގެ ނަން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބަދަލުކުރެއްވިއެވެ. އެއަށްފަހު 2011 ވަނަ އަހަރު އެއަރޕޯޓުގެ ނަން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމަށް ބަދަލުކުރެއްވިއެވެ.

އެއަރޕޯޓުގެ ނަން "ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް" މިނަމަށް ރީ-ބްރޭންޑް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއަރޕޯޓްގެ ނަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަމަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވީ އެއަރޕޯޓަށް މިހާރު ގެންނަވަމުންދާ ޢުމްރާނީ ތަރައްޤީއާއި، ދިވެހިރާއްޖޭގެ ބްރޭންޑް އިމޭޖް ރަމްޒުކޮށްދޭ، ފަސޭހަ، އަދި ކުރިއެރުމާއި ތަރައްޤީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް އެއަރޕޯޓުގެ ނަން ބަދަލުކުރެއްވުމަށްޓަކައެވެ. އަދި އެއަރޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްޤީއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، "ވެލާނާ" މިނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށްވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް އެއަރޕޯޓުގެ ނަން ބޭއްވެވުމަށް ފެނިވަޑައިގަންނަވާތީއެވެ.

މި ރަސްމިއްޔާތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އޮޕަރޭޓްކުރުމަށް ބޭނުންވާ އެއިރޯޑްރޯމް ލައިސެންސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، އެއަރޕޯޓުގެ ނަމަށް ގެންނެވި މި ބަދަލާއެކު، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް، ދިވެހިރާއްޖެ ބޭރު ދުނިޔޭގައި ޕްރޮމޯޓްކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"ފާއިތުވި 3 އަހަރު، ކޮންމެ ދުވަހަކު އެވަރެޖްކޮށް 1.3 މިލިއަން ރުފިޔާ މި އެއަރޕޯޓަށް ޚަރަދުކޮށްފައި. އަދި އެތައްބައިވަރު މަސައްކަތްތަކެއް ކޮށްފައި. މި ތާރީޚީ ބިނާ، އަދި އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މި ތާރީޚީ ޕްރޮޖެކްޓް، ދިވެހިންގެ ޝަރަފާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އުއްމީދުތަކާއި ގުޅިފައިވާ މި މުހިއްމު އެއަރޕޯޓަށް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ހިތްވަރާއި، ފަންވަރު ލިބިފައިވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން" އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހާއެކު އެއަރޕޯޓުގެ ނަން ސަރުކާރުން ބަދަލުކުރައްވާފައިވާއިރު، ޢުމްރާނީ ތަރައްޤީގެ ރޮނގުން ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކުރިއަށްދަނީ އެއަރޕޯޓުގައިކަން ފާހަގަކޮށްލަންޖެހެއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކޮށް، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާނެއެވެ.